"ސެލްފް ޑްރައިވިންގް" ގެ މާނައަކީ އަމިއްލައަށް ދުއްވުމެވެ. ނަމަވެސް އެ ބަސްބޭނުންކުރަނީ މީހަކު އަމިއްލައަށް ކާރެއް، ނުވަތަ އެހެން އުޅަނދެއް، ދުއްވާދުއްވުމަކަށް ނޫނެވެ. ސެލްފް ޑްރައިވިންގް ކާރަކީ، ޑުރައިވަރެއްގެ އެހީއާ ނުލާ، އެ ކާރު އަމިއްލައަށް ދުވުމުގެ ގާބިލުކަށް ލިބިދީފައިވާ ކާރެވެ. އެ ކާރު އެ ދުވަނީ އޮޓޮމެޓިކުންނޭ ބުނެވިދާނެއެވެ. އެކަމަކު އެއީ ރިމޯޓުކޮންޓުރޯލު ކާރެއްނޫނެވެ. މި ފަދަ ކާރުތަކަކީ ދުނިޔޭގައި މިހާރު ބޭނުންކުރާ އުޅަނދުތަކެކެވެ. އެއީ ވަރަށް ގިނަ "އެޑްވާންސްޑް" އިލެކުޓުރޯނިކު އާލާތްތަކާއި، "އާޓިފިޝަލް އިންޓެލިޖެންސް" (AI) ގެ އެހީގައި އިންސާނެއްގެ ވިސްނުމާ އެއްފެންވަރަށް އަދި އިންސާނަކަށް ވުރެ ހަލުވިކޮށް ގޮތްނިންމުމުގެ ގާބިލުކަން ލިބިދީގެން އުފައްދާފައިވާ އުޅަނދުތަކެކެވެ.

ޑުރައިވަރެއްގެ އެހީއާ ނުލާ ދުއްވާ ކާރުގެ ހިޔާލު ދައްކުވައިދޭ ކުރެހުމެއް

ސެލްފް ޑްރައިވިންގް ކާރަކީ ފަހުގެ އީޖާދެއް ނޫނެވެ. އެންމެ ފުރަތަމަ އޮޓޮމެޓިކުން، އޭތި އަމިއްލައަށް ދުއްވޭނެ ކާރެއްގެ ހިޔާލު ދައްކުވައިދިނީ އެމެރިކާގެ ޖެނެރަލް މޯޓަރސް (ޖީއެމް) ކުންފުނިން 1939 ގައި ބޭއްވި މައުރަޒަކަށް ނޯމަން ބެލް ގެޑެސް އެވެ. އެ ކާރު ދުއްވުމަށް ބޭނުންކުރާނީ ރޭޑިއޯ ސިގުނަލުތަކަކާއި، ދުއްވާމަގުގައި ހަރުކޮށްފައިވާ ދަގަތްފާނު އުންތަކެއްގެ އެހީއެވެ. އެ އުންތައް، އިލެކްޓްރޯނިކް ސެންސަރުތަކުން ދެނެގަތުމުން، އެ އުންތަކުން ރެކެންވެގެން، އެ ކާރު އަމިއްލައަށް ވާތަށް ނުވަތަ ކަނާތަށް ހުންގާނު އަނބުރާނީއެވެ. އެ ކާރަކީ މައުރަޒަކަށް ހެދި "ހިޔާލެއް ދައްކުވައިދޭ ނަމޫނާ" އެކެވެ. އެހެންނަމަވެސް، 1958 ގައި ޖީއެމް އިން އެފަދަ ކާރެއް އުފައްދާ، އެންމެ ފުރަތަމަ "ސެލްފް ޑްރައިވިންގް ކާރު" ވުޖޫދަށްގެނައެވެ.

އެއަށް ފަހު އެފަދަ ކާރެއް އުފެއްދީ 1977 ގައި ޖަޕާނުގައެވެ. އެ ކާރު ދުވުމަށް މަގުމައްޗަށް ބަދަލެއް ނުގެން، ރޭޑިއޯ ސިގުނަލުގެ ބަދަލުގައި، ކެމެރާއެއް ބޭނުންކުރިއެވެ. އެ ކެމެރާ މެދުވެރިކޮށް އެ ކާރު ދުއްވުން ހަވާލުކޮށްފައިވަނީ ކޮންޕިއުޓަރަކާއެވެ. އޭރުގެ ފަންނިއްޔާތުގެ ފެންވަރުން، އެ ކާރު ދުއްވުނީ ގަޑިއަކު 20 މޭލުގެ ބާރު މިނުގައެވެ. އޭގެ 10 އަހަރު ފަހުން، ޖަރުމަނުގައި އުފެއްދި އެފަދަ ކާރެއް ގަޑިއަކު 56 މޭލަށް ދުވިއެވެ. އެއީ VaMoRs އޭ ކިއުނު އުޅަނދެކެވެ. ފަންނިއްޔާތު ކުރިއެރި ވަރަކަށް، ސެލްފް ޑްރައިވިންގް ކާރުވެސް ތަރައްގީވަމުން ދިޔައެވެ.

ފަހުގެ އަހަރުތަކުގައި، ޑުރައިވަރެއް ނެތި ދުއްވާ ކާރު މަޝްހޫރުވީ ގޫގުލް އިން 2009 ގައި ފެށި "ސެލްފް ޑްރައިވިންގް ކާ ޕްރޮޖެކްޓް" ގެ ސަބަބުންނެވެ. ނަމަވެސް އެހެން ކުންފުނިތަކުންވެސް އެކަހަލަ ކާރުގެ ފަންނިއްޔާތުތައް ތަރައްގީ ކުރަމުން ދިޔައެވެ. މިހާރު އެންމެ މަޝްހޫރު ކުންފުންޏަކީ "ޓެސްލާ" އެވެ. ޓެސްލާއަކީ އިލެކްޓްރިކް ކާރު އުފައްދާ ކުންފުންޏެކެވެ. އެ ފަރާތުގެ ބައެއް އިލެކްޓްރިކް ކާރުގައި، ސެލްފް ޑްރައިވިންގް ފަންނިއްޔާތު ހުރީ ހަރުކޮށްފައި، ބޭނުން ނުކުރެވޭ ގޮތަށް ތަޅުލާފައެވެ. އެއީ ގަވައިދު ހުއްދަ ކުރަންދެންނެވެ. މިހާރު ވަރަށް ގިނަ ތަންތަނުގައި، އެފަދަ ކާރު، ވަކި ހަމައެއްގައި ބޭނުން ކުރެވޭނެ ކަމުގެ ހުއްދަވަނީ ދޫކޮށްފައެވެ.

އިންސާނުންނަކީ ވަރަށް ފަސޭހައިން ކުރަމުންދާ ކަމަކަށް ދެވޭ ސަމާލުކަން ގެއްލޭބައެކެވެ. ނުވަތަ "ޑިސްޓްރެކްޓް" ވާ ބައެކެވެ. އެކްސިޑެންޓް ވުމަށް ދިމާވާ އެއް އާންމު ސަބަބަކީ އެއީއެވެ. އެކްސިޑެންޓެއްވަމުން ދާއިރު، ކަންކަން ތަރުތީބު ވެގެންދަނީ ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިންސާނަކަށް އެންމެ އަވަހަށް ކަމަކާ މެދު ގޮތެއް ނިންމެނީ ސިކުންތެއްގެ ދިހަ ބައި ކުޅަ އެއްބައިގައެވެ. މިއީވެސް އެކި ހާލަތަކުގައި ތަފާތުވާ ގަޑިއެކެވެ. އެކްސިޑެންޓެއް ވަމުން ދާއިރު އެކި ދިމާލުން އެކި ކަންކަން ވެގެން ދެއެވެ. އެ ހުރިހާ ދިމާލަކަށް ސަމާލުކަން، އެހާ ކުޑަ ހިނދުކޮޅެއްގައި، ދިނުމަކީ އިންސާނަކަށް ގާބިލު ކަމެއް ނޫނެވެ.

ސެލްފް ޑްރައިގިންގް ކާރު ވަށައިގެންވާ މާހައުލަށް އަބަދުވެސް ބަލައެވެ.

ކޮންޕިއުޓަރުގެ ފަންނިއްޔާތު މިހާރު ތަރައްގީ ވެފައިވާ މިންވަރުން، ވަކިކަމަކަށް ހާއްސަކޮށްފައިވާ ކޮންޕިއުޓަރުތައް އިންސާނުންނަށް ވުރެ މާ ހަލުވިކޮށް އަމަލުކުރެއެވެ. ސެލްފް ޑްރްއިވިންގް ކާރުގައި ހަރުކޮށްފައިވާ އެފަދަ އެންމެހާ ފަންނީ އާލާތްތަކުގެ އެހީގައި، އޭގެ މައި ކޮންޕިއުޓަރު، ޑްރައިވަރަކަށް ވުރެ އަވަހަށް އަމަލުކުރެއެވެ. އަދި ކާރުގެ ވަށައިގެން ހިނގާ ހުރިހާ ކަމަކަށް އެކުއެކީ ސަމާލުކަން ދެއެވެ. އެހެންކަމުން، އެކްސެޑެންޓެއް ވުމުގެ ކުރިން، އެކްސިޑެންޓެއް ވެދާނެ ހާލަތަކަށް މަގުމަތީގެ މާހައުލު ބަދަލުވާ ނަމަ، އެ ކޮންޕިއުޓަރަށް އެނގެއެވެ.

ޓެސްލާއިން ތައްޔާރުކުރި އިލެކްޓްރިކް ކާރުތަކުގައި، އަމިއްލައަށް ދުއްވުމުގެ ފަންނިއްޔާތު ބޭނުންނުކުރެވޭ ގޮތަށް ތަޅުލާފައި ހުރިނަމަވެސް، އެކްސިޑެންޓެއް ވިޔަ ނުދޭން، އެ ހާލަތުން ރެކެންވެގެން، އެ ކާރު އަމިއްލައަށް ދުއްވަން ފަށައެވެ. އެއީ ފަޅިސިކުންތެއްގެ އަމަލެކެވެ. ކާރު ދުއްވަން އިން ޑްރައިވަރަށް ކަމެއްވާން އުޅުނުކަން ރޭކާލާއިރު، ކާރު އޮންނާނީ ސަލާމަތްވެފައެވެ. މިއީ މުޅިން އަމިއްލައަށް ނުދުއްވުނަސް، އަމިއްލައަށް ދުއްވާ ކާރުގެ ފަންނިއްޔާރުގެ އެންމެ ފައިދާ މިހާރު ލިބޭ ގޮތެވެ.

ސެލްފް ޑްރައިގިންގް ކާރެއްގެ އެތެރެ

އެންމެ ކުރިއަރާފައިވާ ސެލްފް ޑްރައިވިންގް ކާރު އުފައްދާ ޓެސްލާގެ ބާނީ އަދި ސީއީއޯ އިލޯން މަސްކް ވިދާޅުވެފައިވަނީ، ކާރުގެ ހުންގާނަކީ މިހާރު އާސާރީ އެއްޗެއް ކަމަށެވެ. އަދި އެއީ ކާރެއްގައި މިހާރު ހަރުކުރަންޖެހޭ އެއްޗެއްނޫނެވެ. ނަމަވެސް އޮޓޯޕައިލޮޓް އާއެކު އަމިއްލައަށް ދުއްވާ ކާރު އުފެއްދިކަމުގައިވިޔަސް، ގާނޫނާ ގަވައިދުތައް ހެދިފައިވާ ގޮތުން، އެފަދަ ކާރުގައި މިވަގުތު ޑުރައިވަރެއް އިންނަންޖެހެއެވެ.