މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ލައިގަތް އިރު ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ވަނީ ހައްގުތައް ވަނީ ގެއްލިފައި ކަމަށް އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެތައްމަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލި މިހާރުވަނީ ނިކަމެތިވެ، މަގުމަތިވެފައި ކަމަށެވެ.
މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުވަނީ ފޭލްވެފައި ކަމަށް ވެސް އެބަޔަނުގައިވެއެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ގާތަށް ނާދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. "ރާއްޖޭގެ އިޤްތިސާދުގެ ލޭނާރު ކަމުގައިވާ އެންމެ މަސައްކަތްތެރި މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި ޢާއިލާތައްދަނީ ނިކަމެތި ވަމުންނެވެ. ކޯވިޑް 19ގެ ޙާލަތުގައި ރެޔާ ދުވާލު އިސްސަފުގައި މަސައްކަތް ކުރާ ސިއްޙީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގު އުޖޫރައެއް ނުލިބެއެވެ. އަދި މިފަދަ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސެއް ނުލިބެއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަޤީންކަމެއް ނެތިއެވެ." އިދިކޮޅު ބަޔާނުގައިވެއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރި އޭގެ ނުރައްކާ އިންތިހާއަށް ގޮސްފައިވާ މިދަނޑިވަޅުގައި އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަޙައްމަލު ކުރަންޖެހިފައިވާ ބަޔަކީ ވެސް މަސައްކަތްތެރިން ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިއްބެވި އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާކަން ހިތާމައާއި އެކު ފާހަގަ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުންވެސް، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ ޢަމަލުތައް ހިންގަމުން ގެންދާކަމަށް ވެސް އެބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.
"މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކާއެކުގައެވެ. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވަޢުދެވެ. ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަމެވެ. މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް ޢަމަލީ ސިފައެއް ނުގެނެވޭތީ މިކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ." އެހެން ކަމުން ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާ ދިނުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވައިލާފައެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އެކަންކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކޮށް، ހަލުވި ސްޕީޑުގައި މަސައްކަތްކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.