އައްޑޫ ސިޓީ ފޭދޫއިން މިއަދު ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ އަދަދު މިހާތަނަށް 23 އަށް އަރައިފި ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އަދިވެސް ގެންދަނީ އޭނާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާއަމިއްލައަށް ވެސް ވަނީ ކޮންޓެކްޓްވެފައިވާ މީހުން ކަމާބެހޭ ފަރާތަށް އެކަން އެންގުމަށް ފޭސްބުކު މެދުވެރިކޮށް އެދިފައެވެ. ކޮންޓެކްޓްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށްވާނަމަ ކޮންޓެކްޓުން ވެސް އިތުރުވާނެ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެތަނުން ބުނެފައިވެއެވެ.

މިހާލަތުގައި މިހާރު އޭލެވެލް އިމްތިހާން ހަދަމުންދާ ދަރިވަރުން ފިޔަވައި އެހެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބޭއްވުމަށް އައްޑޫ ކޮވިޑް ޓާސްކް ފޯހުން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާރު މުޅިއައްޑޫ ސިޓީވެސް ވަނީ މޮނިޓަރިންނަށް ލައިފައެވެ. ގުޅިފައިވާ ރަށްރަށް މޮނިޓަރިންނަށް ލައިފައިވަނީ މިއަދު އެވެ. ހުޅުދޫ/މީދު ވަނީ މީގެ ކުރިން މޮނިޓަރިންނަށް ލައިފައެވެ. އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ.