ފުލުހުން ބާރުގެ ބޭނުން ކުރަންވާނީ ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ ޖިންސީ ގޯނާއާ ދެކޮޅަށް ރޭ މާލޭގައި ބޭއްވި އެއްވުމެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވަމުން ދިއުމާ ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައި ވެސް ބާރުގެ ބޭނުންކުރަން ވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ.

"ރޭ ހިނގައިދިޔަ ހާދިސާގައި ޔޫސް އޮފް ފޯސްގެ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބާލަނަން." އިމްރާން ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގައި ފުލުުން ވަނީ އާދަޔާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އެއްވި ޒުވާނުންނަށް އެކި ވަރުގެ އަނިޔާކޮށްފައެވެ. އަދި ސީދާ މަކި މީހަކަށް އަމާޒުކޮށް މޫނާއި ދިމާލަށް ޕެޕާސްރޭ ޖަހާފައިވާ ވީޑިއޯވެސް ދަނީ ދައުރުވަމުންނެވެ. މިމުޒާހަރާ ކޮންޓްރޯ ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.