ޗައިނާއިން ޔޫރަޕްގެ ޖަމާއަތުގެ އިސްފަރާތްތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައިވާ ނަމަ، ޗައިނާއާއެކު ވިލާތު އިއްތިހާދުން ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުދާނެ ކަމަށް ޔޫރަޕްގެ ޕާލަމެންޓްގެ މެމްބަރުން ބުނެފިއެވެ. މިދިޔަ ހަފްތާގެ ޖަލްސާގައި ޔޫރަޕް ޕާލަމެންޓުގެ މެންބަރުން ވަނީ ވަރަށް ހޫނުކޮށް ޗައިނާއާއެކު ބްރްސްލްސްއިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުމާ މެދު ބަހުސްކޮށްފައެވެ. މެމްބަރުން ބުނެފައިވަނީ ޔޫރަޕްގެ ޖަމާއަތުގެ ޑިޕްލޮމޭޓުންނާއި އެކްޑެމިކް ފަރާތްތަކާއި ރިސަރޗް އިންސްޓިއުޓްތަކުގެ ފަރާތްތަކާ ދެކޮޅަށް ޗައިނާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަށް ފާޑު ކިޔާފައެވެ.

ޗައިނާގެ އިންސާނީ ހައްގުތަކުގެ ރެކޯޑާ ބެހޭ ގޮތުން ފާޑު ކިޔާފަރާތްތަކަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައެވެ. ހޮންގކޮންގއާއި ޝިންޖިއާންއާއި ޓިބެޓްގައި ޗައިނާއިން ގެންގުޅޭ ބައިމަދު މީހުންނާ ދެކޮޅު ސިޔާސަތަކީ ހުޅަނގުގެ ގައުމުތަކުން ފާޑުކިޔުން އަމާޒުވެފައިވާ ސިޔާސަތެކެވެ.

ޔޫރަޕްގެ ޕާލަމެންޓްގެ މެމްބަރުން ބުނެފައިވަނީ އިންސާނީ ހައްގުތައް ބޮލާލައި ޖަހައި، ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ނުހެދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދައްކައިދޭން ބޭނުން ވަނީ، ޔޫރަޕްގެ ޖަމާއަތަކީ، ސުޕަރމާކެޓެއް ނޫން ކަން. މިއީ އުސޫލުތަކަށް ތަބާވާ ބަޔަކު ތިބޭތަނެއްކަން. އަޅުގަނޑުމެން އެބަޖެހޭ ފެންނަން ހުންނަފަދަ ނަތީޖާތަކެއް ނެރެ ދައްކަން. އޭގެ މާނައަކީ އެބަޖެހެއޭ، ޗައިނާގެ ވިޔަފާރި އެއްބަސްވުމަށް ނޫނެކޭ ބުނަން" ވާތުފިޔައިގެ ފަރަންސޭސި އެމްޕީ އިމަނުއެލް މޯރެލްގެ ބަޔާނުގައި އޭނާ ވިދާޅުވިއެވެ.

ޖަރުމަންވިލާތު ޗާންސެލަރ އެންޖެލާ މަރކެލްއާއި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވިދާޅުވާ ގޮތުގައި މޫސުމާއި ވައިރަސްގެ ވަބާއާއި މިޔަންމަރއާއި އީރާންގެ ނިއުކްލިއަރ މައްސަލަފަދަ ކަންކަމުގައި ޗައިނާއާއެކު މަޝްވަރާއަށް އިނށީންނަށް އެބަޖެހެއެވެ. އެހެންވެ، ޗައިނާ އެންގޭޖްކޮށްފައި ބެހެއްޓުމަށްޓަކައި ވިޔަފާރީގެ އެއްބަސްވުން މުހިންމު ކަމަށެވެ.

ޑިސެމްބަރު މަހު ޔޫރަޕްގެ ލީޑަރުންނާއި ޗައިނާ ސޮއިކޮށްފައިވާ އެއްބަސްވުމަށް 2022ގައި އަމަލު ކުރެވޭނީ ޔޫރަޕްގެ ޕާލަމެންޓުން އެއަށް އާނބަސް ބުނުމުންނެވެ. އެކަމަކު 27 މެމްބަރުންގެ ފަރާތުން ޔޫރަޕްގެ ޕާލަމެންޓަށް ހޮވިފައިވާ މަންދޫބުން ބޭނުން ވަނީ ފާޑުކިޔާ ފަރާތްތަކަށް ޗައިނާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅު އެޅުން ހުއްޓާލާށެވެ.