ކޮވިޑް 19 އާ ގުޅިގެން ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އައްޑޫ ސިޓީން މޮނިޓަރިންއަށް ލައި އެއްރަށުން އަނެއް ރަށަށް ނުދެވޭގޮތް ހަދާފައި ވަނިކޮށް ސިޓީކައުންސިލުން ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. ސިޓީކައުންސިލުން އެގޮތަށް ނިންމެވީ އައްޑޫ ސިޓީގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ ހާލަތު އުވަންދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން މި ހިނދުން ފެށިގެން އެ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. އެގޮތުން

- އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.

- އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.

- އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.

- ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އަންގާ އެންގުންތަކާ އެއްގޮތަށް ސެލޫން، ބޯކޮށާ ތަންތަނާއި ޖިމްތަކާއި އަދި ފިހާރަތަކުން ޚިދުމަތްދިނުން، އަދި ކަނޑައަޅާފައިވާ އަދަދަށް ފިހާރަތަކަށް މީހުން ވެއްދުމަށް ސަމާލުކަންދިނުން.

- ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.

- ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތައް ކުރިއަށް ނުގެންދިއުން، މީގެ ތެރޭގައި ގިނަ މީހުން އެއްވެގެން ބާއްވާ ރޯދަވީއްލުން ހިމެނޭ.

- ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުން.

- މިސްކިތްތަކަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި، ނަމާދުކުރުމަށް އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އަޅައިގެން ދިއުމަށް ސަމާލުކަން ދިނުން، އަދި މިސްތަކުގައި ދަރުސް ޕްރޮގްރާމްތައް ކުރިއަށް ނުގެންދިއުން.

- ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ހޮޓާތަކާއި ގާޑިޔާތަކުން ޚިދުމަތްދިނުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމަށާއި މި އެންގުންތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ސިތީ ކައުންސިލުން ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީ ހުޅުދޫ/މީދޫ އިން ވަނީ 13 މީހުން ޕޮޒިޓިވް ވެފައެވެ. ފޭދޫއިން ވަނީ އެކަކު ޕޮޒިޓިވްވެފައެވެ. އެމީހާއަކީ އެއްވެސް ކުލާސްޓަރ އަކާ ގުޅުން ހުރި މީހެއް ނޫނެވެ. އޭނާ ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ އޭއީއެޗުގައި ގާއިމްކޮށްފައިވާ ފުލޫކުލިނިކަށް ދައްކައިގެން ޓެސްޓް ކުރުމުންނެވެ. އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 23 މީހަކު ވަނީ ފާހަގަވެފައެވެ.