ޗައިނާއާއި އޮސްޓްރޭލިއާ އާ ދެމެދު ވިޔަފާރީގެ ދެބަސްވުން ހޫނުވެ، ޒުވާބަކަށް ގޮސްފައިވާ އިރު، އޮސްޓްރޭލިއާގެ ކަރަންޓް އުފައްދާ އެންމެ ބޮޑު ދެކުންފުންޏަކީ ޗައިނާ މީހުން އިންވެސްޓްކޮށްފައިވާ ކުންފުނިތަކެއް ކަން ހާމަވެއްޖެއެވެ.

އެނަރޖީ އޮސްޓްރޭލިއާ އަކީ، 1.7 މިލިއަން ކަސްޓަމަރުން ގެންގުޅޭ ކުންފުންޏެކެވެ. މި ކުންފުންޏަކީ ޗައިނާ ލައިޓް އެންޑް ޕަވަރ ކޮމްޕެނީގެ އިންވެސްޓްމެންޓެކެވެ. ނިއު ސައުތު ވޭލްސްގެ ސަރުކާރުން ވަނީ، 2011 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރަށް މިކުންފުނި ވިއްކާލާފައެވެ.

އެލިންޓާ އެނަރޖީ އަކީ 1.1 މިލިއަން ކަސްޓަމަރުން ގެންގުޅޭ ކުންފުންޏެކެވެ. 2017ގައި ހަތަރު ބިލިއަން ޑޮލަރަށް މިތަން ވިއްކާލާފައިވަނީ ޗޯ ޓާއި ފޫކް އެންޓަރޕްރައިސް އަށެވެ.

މި ދެކުންފުންޏަކީވެސް ކޯލާ ދެލިން ކަރަންޓް އުފައްދާ އިންޖީނު ގެތަކާއި އިރުގެ އަވިންނާއި ވައިން ހަކަތަ އުފައްދާ އިންޖީނުގެތައް ގެންގުޅޭ ދެކުންފުންޏެވެ.

ޗައިނާއާއި އޮސްޓްރޭލިއާ ދެމެދު ވިޔަފާރި ހަނގުރާމަ ހޫނުވެގެން ދިއުމުން ޗައިނާއިން ގަނެފައިވާ އޮސްޓްރޭލިއާގެ މުހިންމު އިންވެސްޓްމެންޓްތައް އަނބުރައި ހޯދުމަށްވެސް ގޮވާލާ ގޮވާ ފަރާތަކުގެގޮވެލި ވަނީ ހަރުވެފައެވެ.

މިހާރު އޮސްޓްރޭލިއާއަށް އިހުސާސް ކުރެވުނު ގޮތުގައި މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެމެރިކާގެ އިލެކްޓްރިކް އިންފްރާސްޓްރަކްޗަރއަށް ދިމާވެދާނެ ސައިބަރ ހަމަލައަކުން ސަލާމަތް ވުމަށް 100 ދުވަހުގެ ޕްލޭނެއް އެކުލަވާލާފައެވެ. އެމެރިކާ ދެކޭ ގޮތުގައި ބޭރުގެ ޖާސޫސުން މިފަދަ މުހިންމު ވަސީލަތެއް ހައިޖެކްކޮށް ކަންކަން ހަލަބޮލިކޮށްލުމަށް މަސައްކަތް ކޮށްފާނެއެވެ.

އޮސްޓްރޭލިއާގައި ދެވޭ ގިނަ ސައިބާ ހަމަލާތަކަކީ ޗައިނާއިން އަންނަ ހަމަލާތަކެއް ކަމަށް ބުނެއެވެ.

މި ދެކުންފުނިން އެއްކުންފުނި ޗައިނާއަށް ވިއްކާލި އިރު މާލީ ވަޒީރަކަށް ހުންނެވީ މިހާރުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން އެވެ. މި ތަން ވިއްކުމުގެ އެއްބަސްވުމުގައި ޑޭޓާ ސެކިއުރިޓީއާ ބެހޭ ސިއްރު 10 ޝަތުރެއްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާގެ އެންމެ ބާރުބޮޑު ކޯލާ ދެލި ބޭރުކުރާ ބަނދަރު ޕޯރޓް އޮފް ނިއުކާސްލްވެސް ވަނީ 98 އަހަރަށް ޗައިނާ ކުންފުންޏަކަށް 1.75 ބިލިއަން ޑޮލަރަށް ވިއްކާފައެވެ.

ޑަރވިން ޕޯރޓްވެސް ވަނީ 506 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކަށް ވިއްކާލާފައެވެ.

އޮސްޓްރޭލިއާއާއި ޗައިނާ ދެމެދު ގުޅުން ގޯސްވެފައި ވަނީ ކޮރޯނާ އުފެދުނު ގޮތާ ބެހޭ ގޮތުން ތަހުގީގު ކުރުމަށް އޮސްޓްރޭލިއާއިން ބާރު އެޅުމުންނެވެ.

ޗައިނާއިން ވަނީ އޮސްޓްރޭލިއާގެ ލޮބްސްޓަރއާއި ބީފް އަދި ބަރލީ އާއި ވައިން އެތެރެ ވިޔަ ނުދީ ކަސްޓަމްސްގައި ހިފަހައްޓައި ޖެއްސުން ކޮށްހަދާފައެވެ.