އެއީ އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. ރަށު ފެންވަރުގައި ނަންހިނގާ ދިވެހި ބޭސްވެރިއެކެވެ. ކުޅަދާނަ ފޫޅުމައެކެވެ. އެއީ ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު ފޫޅުމައިގޭ (މޭގަ) ސަކީނާ މޫސާ އެވެ. ނެޝަނަލް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސް ޕާސަން ޑރ. ނަޒުލާ ރަފީގުގެ ބޮޑު ދައިތައެވެ.

ފަސްމަންޒަރު

ސަކީނާގެ މަންމަ ސިއްތިދައިތާ އާއި ބޮޑު ދައިތަ ދޮންއައިސާ އަކީ ފަރެސްމާތޮޑާގައި އުފެދުނު ކުޅަދާނަ ބޭސްވެރިންނެވެ. ފޫޅުމައިންނެވެ. ދިވެހި ބޭސްވެރިންނެވެ. މި ދެމީހުންނާއި އަލަދަޑުގެ ފާޠިމަތު ޒާހިދާ (އެކޮޑު އައްޗާ) އަކީ ރަށުގެ ސިއްހީ ދާއިރާގެ ނާރެހެވެ. މި ގުޅުން އުފެދުނު ސަބަބެއް ކަމުގައި ފެންނަނީ މި ތިންމީހުންގެ ވެސް އެދުރު އާމިންދައިތާއެވެ. އަދި މި މީހުންގެ އަވަށްޓެރިކަމާއި ގާތްކަމެވެ. މިއީ އެޒަމާން ނުދެކޭފަދަ މިޒަމާނީ ސިފައަކަށް ބޭސްކުރިބައެކެވެ. ޑިޕާޓްމަންޓްތައް ވަކިކޮށްގެންނެވެ.

ސަކީނާ މޫސާ

އާންމުގޮތެއްގައި ފޫޅުމައިކަންކޮށް، ފުރަގަސްފަރާތުގެ ބަލިތަކަށް ބޭސްކުރަނީ ސިއްތިދައިތާއެވެ. މިއީ ރަށުން ފުރަތަމަ ފޫޅުމައި ފޮށި ހޯދި ފޫޅުމައެވެ. ބޭސްވެރިކަމުގެ ގޮތުން މީހާގެ ހަށިގަނޑުން ކަފަންޖެހޭ ތަންތަން ކަފައި ފަޅައި ހަދަނީ ދޮންއައިސްދައިތާއެވެ. ވިހައިގެ ބޭހާއި ޒަޚަމްތަކާއި އާންމު ބަލިތަކަށް ބޭސްކުރަނީ އެކޮޑުއައްޗާއެވެ. ނަމަވެސް މިއިން ކޮންމެ މީހަކީ ޚާއްސަ ދާއިރާގެ މީހާ ނެތް ހާލަތެއްގައި އެދާއިރާގެ މަސައްކަތްކުރާ މީހެކެވެ. އެކަމުގެ މައުލޫމާތާއި ތަޖުރިބާހުރި މޮޅު މީހެކެވެ. ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ޒަޚަމްތަކާއި ބޮޑެތި ފާރުގަނޑުތަކާއި، ބިރުގަންނަވަރުގެ އުމަގުތަކާއި ކެއްސުމާއި، ވިހަ ސޫފިތައް ކަށިޖެހުމާއި ފުރަގަސްފަރާތުގެ ބަލިތަކާއި، ވިހެއިގޭގެ ބަލިތަކަށް ކާމިޔާބުކަމާއެކު މި ޓީމުން ބޭސްކުރިއެވެ. ބޮލުގައި ރިއްސުމާއި ސައިނަސްގެ މައްސަލަތަކަށް ފަރުވާކުރިއެވެ. ޚިތާނު މޫސުމުގައި ޚިތާނުކޮށްދޭން އަންނަ މީހާ ފުރައިގެން ދާއިރު ފަސޭހަނުވާ ކުދިންނަށް ފަރުވާކުރުމަކީ ވެސް މި ޓީމުގެ މަސައްކަތެކެވެ.

ސަކީނާ މޫސާގެ ދެމަފިރިން މާމަ ކުދިންގެ ތެރެއިން ބައެއް ކުދިންނާއެކު

ސިއްތިދައިތާ އާއި ދޮންއައިސް ދައިތަ (ފަރެސް ޢާމިރުގެ މާމަ) އަކީ އަމިއްލަ ގޭގައި އެކަމަށް ޚާއްސަކޮށްފައިވާ ބައިގައި މާބަނޑުމީހުން ވިއްސައި އެ ޚިދުމަތްދިން ބައެކެވެ. ބޭސް ފަރުވާއަށް އެހެން ރަށްރަށުން އަންނަ މީހުން އެގޭގައި ބައިތިއްބައިގެން އަމިއްލަ ޚަރަދުގައި ކާންބޯންދީ ބޭސްކޮށްދިން ޚިދުމަތްތެރިންނެވެ.

ފުވައްމުލަކުގެ މަޝްހޫރު ބޭސްވެރިޔާ އައްޑޫގޭ ދީދީ ވަޑައިގެން ސިއްތިދައިތަގެ އުނދޯލިގޭގައި ހިންގެވި ބޭސްވެރިކަމުގެ ހަރަކާތްތަކަކީ މިޒަމާނުގެ ބަހުން ނަމަ ޚާއްސަ މެޑިކަލް ކޭމްޕްތަކެކެވެ. މި ކޭމްޕްގައި އެންމެ މަޝްހޫރު ކަމަކަށް އަޅުގަނޑުމެންގެ ހަނދާން ހުންނަނީ ކަވާޖެހުމެވެ.

ސަކީނާ މެދުގައި

ސިއްތިދައިތާގެ ގޭގައި ފުރަގަސްފަރާތު ބައްޔަށް ބޭސްކުރަން އައިސް ހުރި މުހުދާކަލޯގެ ފަރުވާއަކީ ފަހުގެ ތާރީޚުގައި ޚާއްސަ ކޭހެކެވެ. އެބަލީގެ ބޮޑުކަމާއި އޭގެ ވޭނާއި ފަރުވާކުރަން ދަތިކަން ރަށުގެ އެންމެނަށްހެން އެނގިފައިވެއެވެ. މިކަމާ ގުޅިގެން ޚާއްސަ އަދަބީބަހެއް ފަރެހުގައި އުފެދިފައިވެއެވެ. އުނދަގުލާއި ތުރާލާއި ވޭނުގެ މިންވަރުގެ ބޮޑުކަން އަންގައިދޭން މިހާރު ވެސް އެބަސް ބޭނުންކުރެއެވެ. ނަމަވެސް ކަމުގެ ބާވަތުން އެއީ ނޫހުގައި ލިޔާކަހަލަ ބަހަކަށް ނުވެއެވެ.

ސަކީނާ މޫސާއަކީ މި ހުރިހައިކަމެއްގެ ތެރޭގައި ދަސްކުރަމުން ތަޖުރިބާކުރަމުން މޮޅުވެގެން އައި ޒުވާނެކެވެ. މިހާރު އުމުރުން 72 އަހަރު ވެފައިވާ ސަކީނާ މޫސާއަކީ އޭނާގެ ޚިދުމަތުގެ ސަބަބުން އެތައްއެތައް އާއިލާއެއްގެ ލޯތްބާއި ތައުރީފު ލިބިފައިވާ ޝަރަފުވެރިއެކެވެ. ޅަ ދުވަހުން ފެށިގެން އަދި އަދަށް ދާންދެން ވެސް އިޖުތިމާއީ ޚިދުމަތްތަކާއި އަންހެނުންގެ ތަރައްގީގެ މަސައްކަތުގައި އިސް ލީޑަރެކެވެ.

ސަކީނާ މޫސާގެ ފެށުން

ސަކީނާ މޫސާ ބޭސްވެރިކަމާއި ފޫޅުމައިކަމުގެ ތެރެއަށް ވެންނެވީ ކުރިންބުނި ބޭސްވެރިކަމުގެ މަސައްކަތުގައި އޭނާގެ މަންމަގެ އެހީތެރިއެއްގެ ގޮތުންނެވެ. އުމުރުން ސާދަވަރަކަށް އަހަރުގައެވެ. އެހެން ކަމުން ސަކީނާ އެދުރުވީ އޭނާގެ މަންމަ ގާތުންނެވެ.

ސަކީނާ ބޭސް ހެދުމުގެ މަސައްކަތުގައި

ސިއްތިދައިތަގެ އެހީތެރިއެއްގެ ގޮތުގައި އަތްގާތްކޮށްދޭން ފެށި ކުޑަކުޑަ ސަކީނާ ފަހުންވީ، އޭނާގެ މަންމަގެ ދުނިޔޭގައި ވެސް އަމިއްލައަށް އެ ޚިދުމަތްދިން ކުޅަދާނަ ބޭސްވެރިއަކަށެވެ. މަންމަހައި މޮޅު ފޫޅުމައަކަށެވެ. މާބަނޑު މީހުންގެ ނުރައްކާތެރި އެތައް ކޭސްތަކެއް އޭނާ ފަސޭހަކަމާއެކު މެނޭޖްކޮށްފައިވެއެވެ. ފުރަގަސްފަރާތު ބަލީގެ އެތައް ފަރުވާއެއް ދީފައިވެއެވެ. ވިހައިގެ ބޭސް އާންމުގޮތެއްގައި ކުރެއެވެ. މި ހުރިހައި ޚިދުމަތެއް އޭނާ ދެނީ މުޅިން ހިލޭސާބަހަށެވެ.

ފޫޅުމައިކަމަކީ ދައުލަތުގެ ވަޒީފާއަކަށް ވެގެން އައިފަހުން ފޮށި އޮތް ފޫޅުމައެއްގެ ގޮތުން ސަކީނާ ވަނީ ފަރެސްމާތޮޑާ ހެލްތު ސެންޓަރުގައި 18 އަހަރު މަސައްކަތް ކޮށްފައެވެ. އެދުވަސްވަރު އެތަނަށް ވިހަން އައި މީހުން ވިއްސުމުގައި އެތަނުގައިތިބި ބިދޭސީ ޑޮކްޓަރުންގެ އެންމެ ބޮޑު އެހީތެރިއަަކަށްވީ ވެެސް ސަކީނާއެވެ.

ރައީސް ނަޝީދު ވެރިކަމުގައި ފޫޅުމައިން ވަކިކުރި އިރު ސަކީނާ ވެސް ހިމެނިގެން ދިޔައީ ވަކިކުރި މީހުންގެ ތެރޭގައެވެ. ނަމަވެސް މީގެ ސަބަބުން ވަކިވީ ދައުލަތުގެ ވަޒީފާއެއެވެ. އޭނާގެ ޚިދުމަތެއް ރައްޔިތުންނަކާ ވަތްކެއް ނުވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާއާ މެދު ރައްޔިތުންކުރާ އިތުބާރެވެ. އޭނާގެ ޚިދުމަތުގައި އޮތް ތެދުވެރިކަމެވެ. މަސައްކަތުގެ ލޯތްބެވެ. މާބަނޑު މީހުން ވިއްސުމުގައި ދިމާވާ ބޮޑެތި ކަންކަމުގައި، އެއިރު ސެންޓަރުގައި ތިއްބެވި ބޭރުގެ ޑޮކްޓަރުން ސަކީނާގެ ލަފާ ހޯއްދަވަމުން ގެންދެވިކަމީ ވެސް ސަކީނާގެ މަގުބޫލުކަމާއި އިތުބާރު ގަދަވެގެން ދިޔަ ސަބަބެކެވެ.

ގޮންޖެހުންތައް

ފޫޅުމައި ކަމުގައި އޭނާ 58 އަހަރު ހޭދަކޮށްފައިވެއެވެ. މިހާރު އުމުރުން 72 އަހަރުވެފައިވާ ސަކީނާ އަދިވެސް ދެމީހުރީ ދިވެހި ބޭހާއި މާބަނޑު މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމުގައެވެ. މިހާރު އެރަށުގައި ހެލްތު ސެންޓަރު ހެދި ޑޮކްޓަރުން ތިބި ކަމަށްވިޔަސް އިހުގައި އެފަދަ އެއްވެސް ވަސީލަތެއް ނުހުރެވެ. ކަމެއްދަމެއް ބޮޑުވެއްޖެ ކަމަށްވާނަމަ ފުރައިގެންދާން ޖެހެނީ ތިނަދުއަށެވެ. އެ ދަތުރުގައި ސަކީނާ ބައިވެރިވެއެވެ. ދަތުރު މަތީގައި ވެސް އެތައް ބަޔަކު ވަނީ އޭނާގެ އެހީތެރިކަމާއެކު ވިހައިފައެވެ. މިފަދަ ހާލަތްތަކުގައި ވެސް އޭނާ އެއްވެސް ހާސްކަމެއްނެތި ޙާލަތު މެނޭޖްކޮށްލައެވެ. އެހެންނަމަވެސް އޭނާއަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ސަކީނާ ބުނި ގޮތުގައި އޭނާއަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ބަނޑުގައި އެކޮޅުކޮޅުން ހުންނަ ދަރިފުޅު ސީދާ ކުރުމެވެ. ފައްސިޔަކުރުމެވެ. ނުވަތަ އެ ހާލަތުގައި ވިއްސުމެވެ. "އެންމެބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ އެކޮޅުކޮޅުން ހުންނަ ދަރިން ވިއްސުމާއި ވިއްސުމުގައި ތަފާތު ދަތިތަކާއެކު ވިހާމީހުން ވިއްސުން،" އޭނާ ބުންޏެވެ.

"ވަޒީފާއިން ވަކިވީ ފަހުންވެސް ރަށަށް ވިހާ ކޮންމެ މީހަކު ވިއްސުމުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވާނެ. އަދި ވިއްސުމަށް ތިނަދޫއަށް ގެންދާ މީހުން ގެންދެވޭ ދޯންޏާއި ލޯނޗުތެރޭގައި ވެސް ވަރަށް ގިނަ މީހުން ވާނެ ވިއްސާފައި. މިއީ ދަތި އުނދަގޫ ހާލަތެއް" ގޮންޖެހުން ތަކާ ބެހޭ ގޮތުން ސަކީނާ ބުންޏެވެ.

އެންމެ ދަތިވަގުތު

މި ޚިދުމަތްތެރިޔާ ބުނި ގޮތުގައި އޭނާގެ އެންމެ ހަނގު ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ވެސް ފޫޅުމައިކަންކުރިއެވެ. "އެހެންނަމަވެސް ވިއްސަން ދިޔުމާއި މާބަނޑު މީހުން ބެލުމާއި ފަރުވާ ކުރުމަކީ އެދުވަސްވަރު ދިމާވި ވަރަށްބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މީގެ އިތުރުން ވިހޭގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމާއި، މައިމީހާއި ދަރިފުޅަށް ދޭންޖެހޭ ފަރުވާ ދިނުމާއި އަމިއްލައަށް ވިހައިގެން އުޅޭއިރު ގެޔަށް މާބަނޑު މީހުން ގެނެސްގެން ވިއްސުން ވެސް ވެގެންދިޔައީ ބޮޑު ގޮންޖެހުމަކަށް،" ސަކީނާ ބުންޏެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލައި އެ ހާލަތުގައި ވެސް އޭނާ ވަނީ ރަނގަޅު ޚިދުމަތެއް ދީފައެވެ. މިފަދަ އެތައް ކަމެއްދިމާވިޔަސް މިހާރުވެސް އޭނާ އިނީ އެހެން މީހުންގެ ޚިދުމަތުގައެވެ. ދިވެހި ބޭހުން ފަރުވާ ކޮށްދިނުމުގައެވެ.

ބޭސްވެރިކަން

ސަކީނާ އަކީ ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ. އެތައް ބައްޔަކަށް އޭނާ ވަނީ ބޭސް ކޮށްފައެވެ. ބަލިތަކާ ދެކޮޅަށް ހަނގުރާމަކޮށް އޭނާ ވަނީ ގިނަފަހަރު ކާމިޔާބު ހޯދައިފައެވެ.

ކޮންކަހަލަ ފަރުވާއެއް؟

އޭނާ ބޭސްވެރިކަން ނުހިނގާ ދިމާއެއް މަދެވެ. ވިހެއިގޭތެރޭގެ ބޭސްވެރިކަން ކުރެއެވެ. ރުއްގަލުބޭސް ވެރިކަން ކުރެއެވެ. އުމަގުތަކާއި ބޮޑެތި ފާރުގަނޑުތަކަށް ބޭސްކުރެއެވެ. ބޮލުގައި ރިހުމާއި ސައިނަސްއަށް ފަރުވާކުރެއެވެ. ސައިނަސްގެ ފަރުވާގެ ތެރެއިން "ނޭފަތުން އޮޑުން" މިއީ ސަކީނާގެ ވަރަށް ކާމިޔާބު ފަރުވާއެކެވެ. މީގެ އިތުރުން ބޮޑެތި ބަވާސީތަކާއި ފުރަގަސްފަރާތުގެ ބަލީގެ އެނޫން ބޭސް ހަދައެވެ. ތޫނުބޭހާއި ރޮދި ބޭނުންކޮށްގެން ބޮޑެތި އުމަގުތައް ރަނގަޅުކޮށްފައި އެބަހުއްޓެވެ. އާންމުކޮށް ދިމާވާ ވައިގެ އުނދަގޫތަކާއި ރާއްޖެބަލީގެ މައްސަލަތަކަށް ދިވެހި ބޭހުން ފަރުވާ ހޯދައިދެއެވެ. މީގެ އިތުރުން އެކިކަހަލަ ވިހަ ވެގެން އަންނަ މީހުންނަށް ވެސް ބޭސް ހަދައިދައެވެ.

ކާމިޔާބީ

ސަކީނާ މޫސާ ގަބޫލުކުރާ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ އެތައް އިންސާނަކަށް އަޅަމުންދިޔަ ގަދަ ވޭނުން މިންޖުކޮށްދިނުމަށް އޭނާގެ ފަރާތުން ދެވުނު އެހީތެރިކަމެވެ. ދިވެހި ބޭސްވެރިކަން ކޮށްދީގެން އޭނާ ވަނީ އެތައް ބަޔަކަށް އެކިކަމުން ފަސޭހަކޮށްދީފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އޭނާ ފާހަގަކޮށްލަން ބޭނުންވަނީ ފުރަގަސްފަރާތު ބަލިތަކަށް ހަދާ ބޭހެވެ. އެބޭސް ކޮށްގެން އެތައް ބަޔަކަށް ޝިފާ ލިބިފައިވެއެވެ.

ސަކީނާ- ފިރިމީހާއިި ބައެއް ކުދިންނާއި މާމަ ކުދިންނާއެކު

"ރާއްޖެ އާއި ރާއްޖެއިން ބޭރުން ފުރަގަސްފަރާތު ބައްޔަށް ފަރުވާ ހޯދުމަށްފަހު ރަނގަޅު ނުވެގެން އައި އެތައް ބަޔަކަށް ﷲގެ ތަނަވަސް ރަޙުމަތާއެކު އަޅުގަނޑުގެ ބޭހުން ރަނގަޅުވެފައި އެބަހުރި. އަދި ވިހައިގެ މައްސަލާގައި ވެސް ތަފާތު މީހުންނަށް ފަރުވާ ދީ ރަނގަޅުކުރެވިފައިވޭ." އޭނާ ބުންޏެވެ.

އިޖުތިމާޢީ ޚިދުމަތް

ދޮށީއުމުރުގެ ދުވަސްތައް ވޭތުކުރަމުންދާ ސަކީނާއަކީ މިހާރުވެސް ހަރަކާތްތެރި އެކެވެ. ކުރިން ވެސް ހަރަކާތްތެރިއެވެ. އޭނާ ވަނީ ފަރެސްމާތޮޑާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަން ކޮށްފައެވެ. އެގޮތުން ތިން އަހަރު އޭނާ ވަނީ އެކޮމިޓީގެ ރައީސާކަން ކޮށްފައެވެ. އޭނާގެ ރައީސާ ކަމުގެ ދަށުގައި އެރަށަށް ވަނީ އެޒާމާނާ އަޅާބަލާއިރު ކުރިއެރުންތަކެއް ހޯދައިދީފައެވެ. ހުނަރުވެރިޖީލެއް ބިނާކޮށްދީފައެވެ.

މީގެ އިތުރުން އޭނާއަކީ ކަށުކަމާކެމީގެ ކަންކަމުގައި ވެސް އެރަށުން ފާހަގަކޮށްލެވޭ ކަނބަލެކެވެ. "އަޅުގަނޑުވާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއެއްގެ ގޮތުގައި 3 އަހަރު އުޅެފައި. އަދި ކަށުކަމާކެމީގެ ކަންކަމުގައި އިސްވެ އުޅެފައިވާނެ. މީގެއިތުރުން ޚާއްސަ މުނާސަބަތުތަކާގުޅިގެން ރަށުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ވެސް އިސްވެ ޙަރަކާތްތެރިވެފައި ވާނެ. އަދި މިއަދާހަމަޔަށް ވެސް ދަނީ ބައިވެރިވަމުން،" އޭނާ ބުންޏެވެ.

ސަކީނާއަކީ ތިމާގެ މީހުންނާއި އަވަށްޓެރިންނަށް ހެޔޮފޯރުވުމާއި ތިމާގެކަން ވާސިލް ކުރުމުގައި ނަމޫނާއެކެވެ. ބަލިވީމައި ހިލޭ ބޭސްކޮށްދިނުމާއި ކެވޭކަހަަލަ އެއްޗެހި ކައްކައިގެން ގޮސް އެމީހަކަށް ކާންދިނުމަކީ މިހާރުވެސް އޭނާ އުފަލުން ކޮށްދޭ ކަންކަމެވެ.

ސަކީނާ މޫސާ (ވާތް ފަރާތުގައި) ޢީދު ކުޅިވަރުގެތެރެއިން

މިހާރުވެސް ރަށުގައި ކުޅެވޭ އީދުކުޅިވަރުގައި ޒުވާނުންގެ އެންމެ ގަދަ ރޫހެއްކަމުގައި ވެފައިވަނީ ސަކީނާ މޫސާއެވެ. މިކުޅިވަރުތަކުގައި ވެސް އަންހެނުންނާބެހޭ ކުޅިވަރުގެ ހުރިހާ ކަމެއް ރޭވިގެން ނުކުމެގެން އަންނަނީ އެގޭތެރެއިންނެވެ. އެގެއަކީ މިހާރުވެސް ޢީދުކުޅިވަރުގެ މައި މަރުކަޒު ކަމަށް ބުނެވިދާނެއެވެ.

ބޭސްވެރިކަން ދަސްކޮށްދޭން ބޭނުން

ސަކީނާ މޫސާގެ އެންމެ ބޮޑު އުންމީދަކަށްވީ އޭނާގެ ފަދައިން އޭނާގެ ދަރިންނަށް ވެސް މަންމަގެ ބޭސްވެރިކަން ވާރުތަވެގެން އައުމެވެ. ނަމަވެސް އެކުދިންގެ ޒަމާންއައި އިރު މި މަސައްކަތުގެ ބޭނުންތެރިކަން ހިތްތަކުން ވަނީ ކެނޑިފައެވެ. ޑަކުޓަރީ ބޭސްވެރިކަން ވަނީ އާންމުވެފައެވެ. އަދި ޑަކުޓަރީ ބޭސްވެރިކަމަކީ ފައިސާއިން އަގުލިބޭ އެއްޗަކަށްވުމުންނާ ވެސް އެކު ޒުވާނުންގެ ހިތުގައި މި މަސައްކަތުގެ ޝައުގެއް ނެތެވެ. އޭނާގެ އަށް ދަރިންގެ ތެރެއިން އެއްވެސް ދަރިއަކު ވެސް މި މަސައްކަތާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. ސަކީނާ ދެކޭގޮތުގައި މީގެ އެއް ސަބަބަކީ މާއްދީ ފައިދާއެއް ނުލިބޭގޮތުގައި ރޭދުވާލުމަގުން އެކުދިންގެ މަންމަ ބޭސްވެރިކަމުގައި އުޅެގެން އުފުލި ބުރަ އެކުދިންނަށް ފެނިފައިވުމެވެ. އަދި މި ޚިދުމަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން އެކުދިންގެ ކަންކަމަށް ޅައިރު އެޅުނު ހުރަސްތަކުގެ ވޭނުން އެކުދިންގެ ހިތުގައި މި މަސައްތާ މެދު އުފެދިފައި އޮވެދާނެ ޝުއޫރެއްގެ ސަބަބުން ވެސް މިހެން ވެދާނެކަމަށް ސަކީނާ ގަބޫލުކުރެއެވެ.

ސަކީނާ ބޭނުން ކުރާ ބޭހުގެ ބައެއް ބާވަތްތައް

ސަކީނާ މޫސާގެ ފަރާތުން އޭނާފަދަ މޮޅު ބޭސްވެރި ޚިދުމަތްތެރިއަކު އުފެދިފައި ނުވިޔަސް، ނެތްތާކު އެހީތެރިކަމެއް ދިއްކޮށްލާ ފަދަ ބަޔަކު އޭނާގެ ފަރާތުން އުފެދިފައިވެއެވެ. ނަމަވެސް ސަކީނާ ދެކެނީ އެއީ ފަނޑުވެފައިވާ ތަސްވީރެއްކަމުގައެވެ.

އެންމެ ބޮޑު ހިތާމަ

ސަކީނާ މޫސާގެ ދެވަނަ އުންމީދަކަށްވީ އޭނާގެ ފަރާތުން އެހެން ބަޔަކަށް މި މަސައްކަތް ދަސްކޮށްދިނުމެވެ. ނަމަވެސް ޒަމާނީ ބޭސްވެރިކަން ކުރިއަރައިގޮސް ދައުލަތުގެ ފަރާތުން ފުޅާ ދާއިރާއެއްގައި ސިއްހީ ޚިދުމަތް ދެއްވަން ފެށްޓެވުމާއި، ދިވެހި ބޭސްވެރިކަމުގައި އުފުލަންޖެހޭ ބުރައިގެ ބޮޑުކަމުގެ ސަބަބުން މި މަސައްކަތް ދަސްކުރާނޭ މީހަކު މިހާރަކު ނެތެވެ. ސަކީނާގެ އެންމެ ބޮޑު ހިތާމައަކީ ފަރެސް މާތޮޑާއި ބޭސްވެރިކަމަކީ ދިވެހީންގެ ސަގާފީ ގައުމީތަރިއަކަށް ވާހިނދުވެސް އޭނާއާ ހިސާބުން މިކަން ނިމިގެން ހިނގައިދާނޭ ކަމުގެ ހިތާމައެވެ. ގައުމީ ތަރިކަ ރައްކާތެރިކުރެވި ހިރިގަލާއި ފެންކައްކާބޮލި އާސާރުކުރެވެމުންދާއިރު ވެސް ބޭސްވެރިކަން ގެއްލިގެން ހިނގައިދާނޭކަމުގެ ހިތާމައެވެ. އާމިންދައިތާގެ ބޭސްވެރިކަމުގެ ސިލްސިލާގެ އެންމެ ފަހު ބޮޅަކީ އޭނާކަމުގައި ވެދާނެކަމުގެ ހިތާމައެވެ.

ސަކީނާ މޫސާ އިޖުތިމާޢީ ހަރަކާތެއްގައި

މައުލޫމާތާއި ތަޖުރިބާއާއި ލޯތްބާއި ކެރުމާއެކު ސަކީނާ މޫސާ ތައްޔާރެވެ. ބޭނުމީ އެކަން ދަސްކުރާނޭ ބައެކެވެ. އުމުރުން 72 އަހަރު ވިޔަސް ސަކީނާ މޫސާއަކީ ބަލާބެލުމަށް މުސްކުޅިއެއް ނޫނެވެ. ހެދިހުރި ހަށިގަނޑު ރަނގަޅެވެ. ދުވަސްވީ އޭނާގެ ޢުމުރުންނެވެ. ހަށިގަނޑާއި ހެލިފެލިވުމުގައި އަދިވެސް އެއީ ޒުވާނެކެވެ. ހެލިފެލިވުމާއި ހަރަކާތްތެރިކަމުގައި ތަފާތެއް ނެތެވެ. ބޭސްވެރިކަމުގެ ޚިދުމަތަކަށް ނިމުމެއް ނެތެވެ. މިހާރުވެސް އޭނާ ދަނީ ދިވެހިބޭހުގެ ޚިދުމަތް ހިލޭސާބަހަށް ކުރައްވަމުންނެވެ. މަދުވަނީ ހިތްވަރު ކޮށްފައި މިކަންކަން ދަސްކުރާނެ ބައެކެވެ.