ޕާކިސްތާންގައި ނޫސްވެރިންގެ މިނިވަންކަން ހަނިކުރުމަށް ދޭ އިރުޝާދުތަކާއި ގަވާއިދުތަކާ ދެކޮޅަށް އެގައުމުގެ އިސް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެންމެ ފަހުގެ އިރުޝާދުގައި ނޫސްވެރިންނަށް އަންގާފައި ވަނީ ކުރިއަށްދާ ސަރުކާރު ބައްދަލުވުންތައް މީޑިއާއިން ރިޕޯޓް ނުކުރުމަށެވެ.

ޕާކިސްތާންގައި ނޫސް މީޑިއާ ކޮންޓްރޯލް ކުރާ އިދާރާއަކީ، ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓްރީ އޮތޯރިޓީ (ޕެމްރާ) އެވެ. ޕެމްރާއިން ނޫސްވެރިންނަށް އަންގާފައި ވަނީ ކެބިނެޓުން ނިންމާ ނިންމުންތައް ރިޕޯޓް ކުރުމުގައި ސަމާލު ވުމަށެވެ. އަދި އިތުރަށް ރިޕޯޓް ކުރުމުގެ ބަދަލުގައި ކެބިނެޓުން ދޭ ލިޔުންތަކުގައި ހުންނަ މިންވަރަށް ރިޕޯޓް ކޮށް ނޫސްވެރިޔާގެ އަމިއްލަ ހިއްސަށް ބިނާކޮށް ލިޔުންތައް ނުލިޔުމަށެވެ.

ޕާކިސްތާންގެ ބްރޯޑްކާސްޓް މީޑިއާގެ އިސް ފަރާތްތަކުން ވަނީ ޕެމްރާއިން ދޭ "ކެބިނެޓްގެ ނިންމުންތައް ރިޕޯޓް ކުރުމުގެ އިރުޝާދާ" ދެކޮޅަށް ވާހަކަ ދައްކާފައެވެ.

ޕެމްރާ މަސައްކަތް ކުރަނީ ސެންސަރު ކުރާ ވަސީލަތެއްގެ ގޮތުގައި ކަމަށް އިލެކްޓްރޯނިކް މީޑިއާ އެޑިޓަރޒް އެންޑް ޑައިރެކްޓަރޒް އެސޯސިއޭޝަންގެ ރައިސް އަޒުހަރު އައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކެބިނެޓުން ނިންމާ ނިންމުންތައް އާންމު ފައިދާއަށް ރިޕޯޓް ކުރުމުގެ ޒިންމާ އަކީ ނޫސްވެރިންގެ ޒިންމާއެކެވެ. ކަމެއް ސާފުކުރުމަށް މަސްއޫލުވެރިއަކު އަރިހު ސުއާލު ދެންނެވުމުން ހަން ހާމަކޮށް ވާހަކަ ދައްކަވާކަށް ބޭނުންފުޅު ނުވާތީ، އެކަމުގެ ތަފްސީލް ގެނެސްދޭން ޖެހެނީ ނޫސްވެރިޔާއަށެވެ.

އަޒްހަރު އައްބާސް ވިދޅުވާ ގޮތުގައި އިމްރާން ޚާން ވެރިކަމަށް ވަޑައިގަތް ފަހުން މިފަދަ މައްސަލަތައް ވަނީ އިތުރު ވެފައެވެ.

ޕާކިސްތާން ވަނީ އިންޓަރނެޓްގެ މިނިވަންކަމުގައިވެސް ފަހަތަށް ގޮސްފައެވެ. އިންޓަރނެޓްގައި މީހުން ދައްކާ ވާހަކަތަކާއި މީސްމީޑިއާއާއި ބްލޮގްތަކާއި ވެބްސއިޓްތައް ބަންދުކުރުމަކީ އާދައިގެ ކަމެކެވެ.

ޕާކިސްތާނުން ސައިބަރކްރައިމް ލޯ ބޭނުންކޮށްގެން ފިޔަވަޅު އަޅަމުންދާ މައްސަލަ ވެސް އޭނާ ކުށްވެރިކުރެއްވިއެވެ.

މިއަދު ފާހަގަ ކުރާ ވަރލްޑް ޕްރެސް ފްރީޑޮމް ޑޭއާ ދިމާކޮށް، ޕާކިސްތާންގެ މީޑިއާ ލީގަލް ރިވިއު 2020 ވަނީ ޝާއިއުކޮށްފައވެ. މީގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޕާކިސްތާންގައި ގެންގުޅޭ ގާނޫނީ އޮނިގަނޑަކީ މީޑިއާގެ މިނިވަންކަމާ ހަތުރު މިންގަޑެއް ކަމަށެވެ.