ޓައިވާނުން އިންޑިއާއަށް 150 އޮކްސިޖަން ކޮންސެންޓްރޭޓާއާއި 500 އޮކްސިޖަން ސިލިންޑަރު ހަދިޔާކޮށްފިއެވެ. ޓައިޕެއި އިކޮނޮމިކް އެންޑް ކަލްޗަރަލް ސެންޓަރ (ޓީއީއީސީ) އިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޓައިވާނުން އިންޑިއާއަށް އިތުރު އެހީގެ ސާމާނު ފޯރުވައި ދޭނެ ކަމަށެވެ. ޓީއީއީސީ އަކީ އިންޑިއާގައި ހުންނަ ޓައިވާންގެ ކަންކަން ބަލަހައްޓާ އޮފީހެވެ.

އިންޑިއާއާއި ޓައިވާނާ ދެމެދު ސިޔާސީ ގުޅުމެއް ނޯވެއެވެ. ނަމަވެސް ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ގޮސް ހެދުމުގައި ހުރަހެއް ނެތެވެ. ޗައިނާއިން ދެކެނީ ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށެވެ.

އިންޑިއާގެ ކޮވިޑް ކާރިސާއިން ސަލާމަތް ވުމަށް އެހީދޭ ގައުމުތަކުގެ ތެރޭން އުޒުބެކިސްތާނުން ވެސް ވަނީ އިންޑިއާއަށް 100 އޮކްސިޖަން ކޮންސެންޓްރޭޓަރ ފޮނުވާފައެވެ.

މިހާތަނަށް އެހީދީފައިވާ ނުވަތަ ދޭން ބުނި ގައުމުތަކުގެ ތެރޭގައި، ޔޫއެސްއޭ، ރަޝިޔާ، ފްރާންސް، ޖަރމަނީ، އޮސްޓްރޭލިއާ، އަޔަރލެންޑް، ބެލްޖިއަމް، ރުމޭނިއާ، ލަގްޒަމްބަރގް، ސިންގަޕޯރ، ޕޯޗުގަލް، ސްވިޑްން، ނިއުޒިލެންޑް، ކުވެއިތު، މޮރިޝިއަސް ހިމެނެއެވެ.