ޕާކިސްތާނުން ކޮވިޑް19އަށް ވެކްސިން ދިނުމުގެ ޕްރޮގްރމު ކުރިއަށް ދާއިރު، މިހާތަނަށް އެގައުމަށް ވެކްސިން ދެވިފައި ވަނީ ކޮންމެ 100 މީހެއްގެ ތެރޭން އެކަކަށެވެ.

އޮކްސްފޯރޑް ޔުނިވަސިޓީގެ އަވަރ ވަރލްޑް އިން ޑޭޓާ ޕްރޮޖެކްޓްއިން އެޕްރީލް 28ގެ ޑޭޓާ ދައްކާ ގޮތުން ސިޝެލްސް އުޅެނީ، އެންމެ ކުރީގައެވެ. ކޮންމެ ސަތޭކަ މީހަކަށް ސީޝެލްސްގައި 127 ޑޯޒް ޖަހަފައި ވެއެވެ. އަދި އިޒްރޭލްގައި 116 އެވެ. ތިން ވަނައަށް އަންނަ ޔޫއޭއީގައި 107 އެވެ.

ދިވެހިރާއްޖެއިން އެހާތަނަށް ކޮންމެ ސަތޭކަ މީހަކަށް 73 ޑޯޒް ދީފައި ވެއެވެ. ޗައިނާއިން 17 އަދި އިންޑިއާއިން 11 އަދި ނޭޕާލުން 7.2 އަދި ސްރީލަންކާ 5.2 އީރާން 1.1 ޕާކިސްތާން 1 އަދި އަފްޣާނިސްތާން 0.6 ކަމަށް ދަ ނިއުސް އިންޓަރނޭޝަނަލް އިން ރިޕޯޓްކޮށްފައި ވެއެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 1.08 ބިލިއަން ވެކްސިން ދީފައި ވެއެވެ. އެއީ ކޮންމެ 100 މީހަކަށް އެވަރެޖްކޮށް 14 ވެކްސިންއެވެ.

މި މައްލޫމާތުން ދައްކާ ގޮތުން 83 އިން ސައްތަ ވެކްސިން ދެވިފައި ވަނީ މަތީ ފަންތިންނާއި މެދުފަންތިން އާމްދަނީ ލިބޭ ގައުމުތަކުގައެވެ. ދަށުން އާމްދަނީ ލިބޭ ގައުމުތަކުގައި ދެވިފައި ވަނީ އެންމެ 0.2 އިންސައްތަ ވެކްސިންއެވެ.