އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބައިގެން ދާން ޖެހޭ މުއްދަތު ހަމަވެފައިވާ އިރު ފައިބައިގެން ނުދާތީ ދޯޙާ އެއްބަސްވުމާ އެމެރިކާ ޚިލާފް ވެފައިވާ ކަމަށް ތާލިބާނުން ބުނެފިއެވެ. ތާލިބާންގެ ލީޑަރު ޒަބީހުﷲ މުޖާހިދު ބުނެފައި ވަނީ ތާލިބާނުން ބޭނުން ފިޔަވަޅެއް އެމެރިކާ ސިފައިންނާއި ބިދޭސި ސިފައިންނާ ދެކޮޅަށް އަޅާނެ ކަމަށެވެ.

އެމެރިކާ ސިފައިންނާއި ބިދޭސި ސިފައިން ތިބޭ ކަންދަހާރްގެ އެއަރޕޯޓަށް ވަނީ ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެމެރިކާ ސިފައިން ބުނިގޮތުގައި މި ހަމަލާގައި މީހަކަށްވެސް އެއްވެސް އާލާތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ތާލިބާންގެ މުޖާހިދުގެ ވާހަކައަށް ރައްދު ދެއްވަމުން އަފްޣާނިސްތާންގައި ތިބޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު، ސްކޮޓް މެލަރ ވަނީ ތާލިބާނަށް ރައްދު ދެއްވާފައެވެ.

"އޮޅިގެން ނޫޅޭށެވެ! އެމެރިކާ ސިފައިންގެ އަތުގައި ރައްދު ހަމަލައެއް ދޭނެ ހަތިޔާރާއި ކުޅަދާނަކަން އެބަހުއްޓެވެ." މެލަރ ފޮނުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވިއެވެ.

ކަންދަހާރަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާ ސިފައިން ވަނީ ރޮކެޓް ހަމަލަ ދޭ މަރުކަޒަކަށް ބިން އަޅާފައެވެ.

އަފްޣާނިސްތާން ސިފައިން ލަފާ ކުރާ ގޮތުގައި ތާލިބާނުން ކާބުލް އެއަރޕޯޓަށްވެސް ހަމަލަ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ކާބުލްގައި ޗެކް ޕޯސްޓްތައް ގާއިމްކޮށް، ސަލާމަތީ ފިޔަވަޚު ވަރުގަދަ ކޮށްފައިވާ ކަމަށް ރޮއިޓަރޒް އިން ބުނެއެވެ.

އަފްޣާނިސްތާން ސިފައިންގެ ވެރިޔާ ވަނީ ތާލިބާނުން ހަމަލަ ދިނުން ހުއްޓާލައި މަޝްވަރާއަށް އައުމަށް ގޮވާލާފައެވެ.