އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ލޯނުތަކުގެ ސަބަބުން ސަރުކާރު އެތައް ބައެއްގެ އަނގަ ބަންދު ވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ވިޔަފާރިވެރިޔާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓް ކޮޕީގެ ތަރުޖަމާ ފޮތެއްގެ ސިފައިގައި ދިވެހި ބަހުން ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޢުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީގެ ދިވެހި ތަރުޖަމާ ނެރުމުގެ ބޭނުމަކީ އެ އެއްބަސްވުމުގައިވާ ކަންކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބުނެދިނުން ކަމަށެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ނުރައްކަލުގެ ވާހަކަތައް ޑީއެންއޭގެ ފަރާތުން ބުނެދެމުންދާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު މަންޒަރު ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ ސިޔާސީ ހަގީގަތަކީ ވަރަށް ގިނަ ލޯނުތަކެއް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފި. އޭގެ ސަބަބުން ސަރުކާރުގެ އެތައް ބަޔަކު އަނގަ ބަންދުވެއްޖެ. ސިޔާސީ ޕާޓީތަކަށް އެތައް ވަރަކަށް ފަންޑުކޮށްފި. އެކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަނގަ ބަންދުވެއްޖެ. އެހެންވީމަ މިއަދު މިކަމާ ދެކޮޅަށް ތެދުވެ ވާހަކަ ދެއްކުމުގެ އެންމެ އިސް ސަފުގައި މިތިބީ އަޅުގަނޑުމެން ކުރީގެ ސިފައިން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އޭނާއަކީ އިންޑިއާ ސަރުކާރާއި އިންޑިއާ ރައްޔިތުންގެ ވަރަށް ގާތް އަޚެއް ކަމަށެވެ. މިތުރެއް ކަމަށެވެ. އެއްވެސް ކަހަލަ ޒާތީ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިންޑިއާ ސިފައިން އެއްވެސް ނަމެއްގައި އެއްވެސް ސިފައެއްގައި ރާއްޖޭގައި ތިބުމަށް ދުވަހަކުވެސް ތާއީދެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.