އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް ކަމަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.
އަޙްމަދު ފަޔާޒް ޢަލީ ރިޟާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން އުތުރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީގެ ދިވެހި ތަރުޖަމާ ނެރުމަށް ޑީއެންއޭގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަޔާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ބޭރު ގައުމަކަށް ދިނުމުގެ ވިސްނުމެއް އެމްޑީޕީ ނޫން އެހެން އެއްވެސް ސަރުކާރަކުން ގެންގުޅެފައިނުވާ ކަމަށެވެ.
އޭނާ ކުރީގެ ސަރުކާރުގައި ސިފައިންގެ އިސްވެރިންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލުކުރައްވައި އުތުރުތިލަފަޅާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ހަމައެކަނި އެ ޕްރޮޖެކްޓަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން އިންޑިއާގެ އަސްކަރިއްޔާގެ ހުރިހާ ސީނިއަރ ބޭފުޅުންނާ ބައްދަލުކުރިން. ޑިފެންސް މިނިސްޓަރު، އާމީ ޗީފް، ނޭވީ ޗީފް އަދި ޖޮއިން ޗީފް އާ ވެސް ބައްދަލު ކުރިން. އެކަމަކު އެއިން އެއްވެސް މަރުހަލާއެއްގައި އަޅުގަނޑުމެން ނުދައްކަން ތިބޭފުޅުން މިތަނަށް އައިސް ބަނޑަހަގެޖަހައިގެން މިކަން ކުރާށޭ. އަޅުގަނޑުމެން އެދުނުހާ ވެސް ކަމަކީ އަޅުގަނޑުމެންގެ ތަސައްވުރެއް އެބައޮތޭ. މުއައްސަސާގެ ކުރިއެރުމާ ތަރައްގީއަށް އަޅުގަނޑުމެން ބޭނުންވަނީ މި ޕްރޮޖެކްޓް ރާވާ ހިންގާށޭ. ތިބޭފުޅުންނަށް މިކަމުގައި ކޮށްދެވެން އޮތް އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވެއޭ. ބައްދަލުވުމުގެ މިނެޓްސްތަކާ އެއްޗިހި އެހެރީ ފެންނަން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ނީންނާނެ އިންޑިއާއާ ހަވާލުކޮށްގެން އެކަން ކުރަން ބުނެފައެއް" ފަޔާޒް ވިދާޅުވިއެވެ.
އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް އޮތް ނުރައްކާތެރިކަމެއްކަން ރޭ ނެރުނު ފޮތުން ވެސް އެނގިގެންދާނެ ކަމަށް ފާޔާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"މި އުތުރުތިލަފަޅަކީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތަށް ވެސް އޮތް ނުރައްކާތެރި ކަމެއް. ކުރިމަގުގައި ގައުމިއްޔަތަށް ނުރައްކާތެރިކަން އަންނާނެ. ޚާއްސަކޮށް މި ފޮތް ނެރުނީމަ، ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ގިނަ ކަންތައްތައް ހާމަވެގެންދާނެ" ފަޔާޒް ވިދާޅުވި އެވެ.
އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން އޭނާ ހާމަކޮށްފައިވާ ކަންތައްތައް އެމްއެންޑީއެފްގެ އިސްވެރިން ދޮގުކުރާ ކަމުގައިވާނަމަ، އަސްލު އެއްބަސްވުން ދިވެހި ރައްޔިތުންނަށް ދެއްކުމަށް ވެސް ފަޔާޒް ވަނީ ގޮވާލައްވާފައެވެ.
"އަސްލު އެއްބަސްވުން ނުދެއްކިގެން އުޅޭ ސަބަބަކީ މި އެއްބަސްވުމުގައި އެބަބުނޭ ވަރަށް ގިނަ ވާހަކަ" ފަޔާޒް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިޞާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެ އެއްބަސްވުމުގެ ސަބަބުން ދިގު މުއްދަތެއްގައި ނުރަނގަޅު އަސަރު ކުރާނެ ކަމުގައި ވެސް ފަޔާޒް ވިދާޅުވިއެވެ.
"މީގެސަބަބުން އެހެން ގައުމުތަކުން އަޅުގަނޑުމެންނާ މެދު ދެކޭ ދެކުން ވަރަށް ބޮޑަށް ބަދަލުވާނެ. ވަރަށް ބޮޑަށް މީގެ ނުރަނގަޅު އަސަރު އަޅުގަނޑުމެންގެ އިގްތިސޯދަށްވެސް އަންނާނެ. ދިގުމުއްދަތުގައި އަޅުގަނޑުމެންގެ ޓޫރިޒަމަށް ވެސް ކުރާނެ. އެހެންވީމަ މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް" ފަޔާޒް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ މުނާޒް ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީކުރުމަށް ކުރީގެ ސަރުކާރުގައި ބޭރުގައުމަކުން ހުށަހެޅި ހުށަހެޅުމަށް ސިފައިން ނޫނެކޭ ބުނި ކަމަށެވެ.
"ސިފައިންގެ ފަރާތުން އޭރު ސަރުކާރަށް ހުށަހެޅުއްވީ ސިފައިންގެ ކުންފުނި، ސިވެކް މެދުވެރިކޮށް ފިއުލްފާމާއި ޑޮކްޔާޑް ތަރައްގީކޮށް، އެތަންތަން ހިންގޭވަރުގެ ކުންފުނިތަކަކަށް، އެތަންތަން ކުއްޔަށްދީގެން ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ކޯސްޓްގާޑުގެ ބަނދަރުގައި ދެން ހުރި ކަންތައްތައް ތަރައްގީކޮށް، ސިފައިން އަމިއްލައަށް އެ ބަނދަރުގެ މަސައްކަތް ކުރުމަށް. އޭރުވެސް ސިފައިންނަށް އެކި ދިމަދިމާލުން ހުށަހެޅުންތައް އާދޭ އިނގޭތޯ. ބޭރު ގައުމުތަކުން ވެސް ހުށަހެޅުންތައް ލިބޭ. އެހެންނަމަވެސް އެބޭފުޅުންނަކީ ހަތަރެސްފައި ބަނދެވިފައި ތިބި ނުވަތަ ކޮންޕްރަމައިޒް ވެފައި ތިބި ބައެއް ނޫން. އެހެންވީމަ ނޫނެކޭ ބުނާނެ ހިތްވަރު އެބޭފުޅުންގެ ގައިގައި އޭރު ހުރި" މުނާޒް ވިދާޅުވިއެވެ.
"އުތުރު ތިލަފަޅު ޕްރޮޖެކްޓް އޭރުގެ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ވިޔަފާރިވެރިން، އެ ޕްރޮޖެކްޓްގެ ފުރަތަމަ ފޭސް އެބޭފުޅުންގެ އަމިއްލަ ޚަރަދުގައި ހިއްކައިދޭން ވެސް ހުށަހެޅިކަން އަޅުގަނޑު ދެނެހުރިން. އަދި ޒުވާނުންގެ ތެރެއިން އެކި ފަންތީގެ ބޭފުޅުން ސިފައިންނަށް އަމިއްލައަށް ޕްރޯޗްކޮށް، ތިމަންނަމެން މިތިބީ އެވެނި މިވެނި މަސައްކަތެއް ހިލޭސާބަހަށް ކޮށްދޭންށޭ ވިދާޅުވެ އެބޭފުޅުންގެ ހުށަހެޅުންތައް ވެސް ލިބެމުން ދިޔަ"
"ކަން މިހެން އޮއްވާ ދިވެހި ރައްޔިތުންނަށް ސިއްރުން، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ދިވެހި ސިފައިންގެ ނަމުގައި ބޭރު ގައުމަކާއެކު ގާނޫނު އަސާސީއާ ޚިލާފަށް މިއަދުގެ ސަރުކާރުން އެއްބަސްވުމެއް ހައްދަވައިގެން އުޅުއްވުމަކުން އެ އެއްބަސްވުމަށް ގާނޫނީ ބާރު ލިބޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ"
= ޚަބަރު: ޑީއެންއޭ