ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ހެލްތް މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވައިފިއެވެ.

މި ނޯޓިސް ފޮނުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުބާއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ފޯރު ކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވޭނެކަން ބަޔާން ކޮށްފައި ވާ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ.

އޭޖީން ބުނީ އެއްބަސްވުމުގައި ވާ ގޮތުން އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށް ދީފައިނުވާ ނަމަ، އެ މުދާ ފޯރުކޮށް ދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދު ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި ލިބުނު ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.