ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން އެ އެކައުންޓުތައް ދޫކޮށްލުމަށް ހައިކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފިއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ރައިސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލުމަށް ޙުކުމް ކޮށްފައެވެ. ހައިކޯޓުގެ ޙުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސޫދާ ފަނޑިޔާރު އައިޝާ ޝުޖޫންއާ ފަނޑިޔާރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.
ހުކުމް އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުލަތަށް ނެގިދާނެ ކަމަށް ގަބޫލު ކުރެވޭ ފައިސާތަކެއް ހުރި އެކައުންޓެއް ފްރީޒް ކުރަން އެދެވިދާނެ ކަމަށެވެ. އެކަމަކު ތުހުމަތުވާ ފައިސާއަށްވުރެ ގިނަ ފައިސާ ދައުވާ ލިބޭ ފަރާތުގެ އެކައުންޓުގައި ހުރި ނަމަވެސް ފްރީޒް ކުރުމަށް އެދެވޭނީ ހަމައެކަނި ތުހުމަތުވާ ފައިސާއަށް ކަމަށެވެ. އަދި ހުރިހާ ފައިސާއަކާމެދު ތުހުމަތު ވާނަމަ އެކަން ކޯޓަށް ލިޔުމުން ހުށަހަޅަން ޖެހޭއިރު ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒް ކުރަން އެދިފައި ވަނީ ގާނުނާ ހިލާފަށް ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލު ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒު ކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާ އެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމެވީ ހައިކޯޓުގެ ހުކުމް ދަމަހައްޓާށެވެ.