ކޮވިޑް-19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގެ އައިސީޔޫ ފުރިފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ދަރުމަވަންތަ އައިސީޔޫގައި މިވަގުތު 9 މީހަކު އެޓްމިޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 6 މީހަކު ވެންޓިލޭޓަރުގައި ވާ ކަމަށެވެ. އަދި 3 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވެންޓިލޭޓަރަށް ނުލާ ބަލި މީހެއްގެ ގޮތުގައި މާބަނޑު މީހެއް ވެސް އެބަ އޮތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އެއީ މިހާތަނަށް ފެނިފައިނުވާ ވަރަށް ބަލި ހާލަތު ސީރިއަސް ވެފައިވާ ބަލި މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ގާތްގަނޑަކަށް ފުރިފައިވާ ކަމަށް ވިދާޅުވެފައެވެ.