ކޮވިޑް 19 ގެ ޙާލަތާ ގުޅިގެން ދިވެހި ޤައުމުގެ ތަޙައްމުލު ކުރަމުންދާ މި ޙައްސާސް ވަގުތުގައި، ދިވެހި އެންމެހާ ރައްޔިތުން އެކުވެރިކަން އިސްކުރުމަކީ ޢަޒުމަކަށް ހަދަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޤައުމަށް ކުރިމަތިވާ މިފަދަ ކާރިސާތަކުން ޤައުމު ސަލާމަތް ކުރެވޭނީ މުޅި ޤައުމު އެކަތިގަނޑަކަށް ވެގެންނެވެ. ބަލި މަޑުކަމުން ސަލާމަތްވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބަޢަވާންޖެހޭނެއެވެ. ސަބަބުތަކުފައި ހިފަންޖެހޭނެއެވެ."
އޭނާ ވިދާޅުވެފައިވަނީ މިކަމުން އަރައިގަތުމަށް ފަރުދީ ޒިންމާ ވެސް އުފުލަންޖެހޭނެ ކަމަށެވެ. މި ވަގުތަކީ ޤައުމީ ޙަޔާތުގައި ޙައްސާސް ވަގުތެއް ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
"މިކަމުން އަރައިގަނެވޭތޯ ﷲ އަށް ދުޢާކުރަންޖެހޭނެއެވެ. މާތް ﷲ ދިވެހި ޤައުމާއި ރައްޔިތުންނަށް ރައްކާތެރިކަން މިންވަރު ކުރައްވާށި، އާމީން." އޭނާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އިއްޔެ ވެސް ރާއްޖެއިން ވަނީ 601 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ބިރުވެރިކަން އިތުރު ވެފައެވެ. އެޗުޕީއޭއިން ބުނަނީ އަދަދުތައް މަދު ކުރުމުގެ ބާރުވެރިކަން އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ.