އާދޭހެވެ! ކުޑަ ވެސް ޝައްކެއް ނެތެވެ. މެދުޒިޔާރަތުގައި ފަސްދާނު ލެވިފައި އޮންނެވީ ކޮން ބޭފުޅެއްކަން އެނގުމަކީ ދިވެހީންނަށް ވަރަށް މުހިންމު ކަމެކެވެ. އެހެނީ އެ ބޭކަލަކީ އެބައިމީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވި ޢިލްމްވެރިޔާއެވެ.

އެހެނަސް ހިތާމައަކީ އެއީ ކޮން ބޭފުޅެއްކަން ޝައްކެއް ނެތް މިންވަރަށް ބުނެދެވެން ނެތް ކަމެވެ. މި ކަމުގެ މައްޗަށް އެންމެ ފުރަތަމަ ލިޔުއްވި ދިވެއްސަކީ އަލްޤާޟީ ޙަސަން ތާޖުއްދީނެވެ. އޭނާގެ ތާރީޚް އިސްލާމި ދީބާ މަޙަލްގައި ވިދާޅުވާ ގޮތުން ރާއްޖެއަށް ވަޑައިގެން އިސްލާމްދީނުގެ ދަޢުވަތު ދެއްވީ އައްޝައިޚް ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީއެވެ. އެއީ ހިޖުރައިން 548 ގެ ރަބީޢުލް އާޚިރު މަހުގެ (ޖުލައި 1153) ތެރޭގައެވެ. ލަފާކުރެވޭ ގޮތުން ތާޖުއްދީނަށް މި މައުލޫމާތު ލިބިވަޑައިގެންފައި ވާނީ ޝިހާބުއްދީން ރަދުންގެ އަމުރުފުޅަށް ހުކުރު މިސްކިތް މަރާމާތުކުރުމަށްފަހު ބެހެއްޓި މަޝްހޫރު ފިލައިންނާއި ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުންނެވެ. ކޮންމެއަކަސް އެއިން އެނގޭކަމަކީ ތާޖުއްދީންގެ ދުވަސްވަރާ ޖެހެންދެން ދިވެހީން ޤަބޫލުކުރަމުން އައިސްފައި ވަނީ ރާއްޖެ އިސްލާމް ކުރެއްވީ ތަބްރީޒީ ކަމަށެވެ.

މިކަން މިހެން އޮތްއޮތުން ބަދަލުވެގެން ދިޔައީ މުޙައްމަދު އަމީން އޭނާގެ "ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" ގައި ރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ލިޔުއްވި ހިސާބުންނެވެ. އޭނާ ބުރަވެވަޑައިގެންފައި ވަނީ އިބްނި ބަޠޫޠާގެ ލިޔުއްވުމަކަށެވެ. އޭނާ ވިދާޅުވާގޮތުން ހުކުރު މިސްކިތުގެ ފިލާގައި ލިޔެފައިވަނީ ބަރުބަރީގެ ނަން ފުޅެވެ.

ފަހުގެ ލިޔުންތެރީން، ޚާއްސަކޮށް މުހައްމަދު އިބުރާހީމް ލުޠުފީ، މިކަމާ އެއްބަސްފުޅެއް ނުވެއެވެ. އެ ބޭފުޅުން ވިދާޅުވަނީ އާދަޔާ ޚިލާފު އަކުރަކުން ނުކުތާއާއި ފިލިނުޖަހައި ލިޔެފައިވާތީ ފިލާގައި އޮތް އެއްޗެއް އިބްނި ބަޠޫޠާއަށް އޮޅިފައި ވަނީ ކަމަށެވެ. އިތުރަށް އެބޭފުޅުން ފާހަގަ ކުރައްވަނީ ދީނުގެ ބައެއް ކަންކަމުގެ ނަންތަށް އައިސްފައި ވަނީ ތަބްރީޒީގެ ބަސް ކަމުގައި ވާ ފާރިސީއިން ކަމެވެ. މިސާލަކަށް ނަމާދާއި ރޯދައެވެ. އަދި ބަރުބަރީ އާއި ބަޠޫޠާއާއި ދެ ބޭފުޅުންނަކީ އެއްރަށެއްގެ ބޭފުޅުން ކަމަށް ވާތީވެ ރަށު ބޭފުޅަކަށް ޝަރަފު ދެއްވުމުގެ ރޫހެއް ވެސް އޮވެދާނެ ކަމެވެ.

ކޮންމެއަކަސް ރަސްމީ ގޮތުން ރާއްޖޭގައި އަދިވެސް ޤަބޫލުކުރަނީ ރާއްޖެއަށް އިސްލާމްދީން ގެންނެވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ.