ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ކެބިނެޓަށް މިހާތަނަށް ގެންނެވި ބަދަލާއެކު އައު ވިސްނުމެއް ގެނެވިފައިނުވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެބިނެޓަށް މިއަދު ގެންނެވި ބަދަލާ ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ރައީސް މިއަދު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަން ކުރައްވައިފައެވެ. އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހުންނެވި ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ. އަދި ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓްރީ އުވާލައި އެތަނުން ކުރަމުންއައި މަސައްކަތްވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.

"ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު. ތާސްބައި އެހެން ގޮތަކަށް އަތުރާލިއިރު ފެނިގެން ދަނީ ވުޒާރާތައް އުފައްދައި އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަން،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް މި ބަދަލުތައް ގެންނަވަން ފެއްޓެވީ މަސައްކަތްތައް ލަސްވާތީ އަވަސް ކުރެއްވުމަށެވެ. މިއާ ގުޅިގެން ޑރ. ޖަމީލް ވަނީ ސުވާލެއް ވެސް ކުރައްވައިފައެވެ. "ސްލޯވާތީ އިޤްތިޞާދަށް އަންނާނެކަމަށް ވިދާޅުވި "ބޫމް" އަދި އިންޓަރނެޓުގެ އަގަށް ގެންނަ ބަދަލު މި ފެނުނީބާ؟" ޖަމީލް ސުވާލު ކުރައްވާފައިވެއެވެ.