ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ރޭ ނިޔާ ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ދިވެހި އަންހެނެކެވެ.
އޭނާއަކީ ޢުމުރުން 77 އަހަރުގެ މީހެއް ކަމަށް އެނގިފައިވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 75 ވަނަ މީހާއެވެ.
ނިޔާވެފައިވަނީ ގއ. ކޮލަމާފުށީ މީހެކެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މިހާރު ދަނީ އިތުރުވަމުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 32 ހާހުން މަތީގައެވެ.
މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން ދެއެވެ. މިއީ ބިރުވެރިކަމެކެވެ. މިއީ އެންމެން އެކަތިގަނޑަކަށްވެ އަދަދު މަދުކުރަން މަސައްކަތް ކުރަންވީ ވަގުތެވެ. ކަމާބެހޭ ފަރާތްތަކުންދޭ ލަފާތަކަށް އިހެކޭ އެއްފަދައިން އިޖާބަދީ މިބަލިން އަރައި ގަތުމަށް ފަރުދީ ގޮތުން ވެސް ކުރެވެންއޮތް ކަމެއް ކުރުމުގެ ވަގުތު މިއޮތީ ޖެހިފައެވެ.