ކޮވިޑަށް ޕޮޒިޓިވް ވެގެން ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ރޭ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ރޭ ކޮވިޑުގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 75 ވަނަ މީހާއެވެ. އަދި މި މަހު މަރުވި ދެވަނަ މީހާއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 500 އިން މަތީގައެވެ. އިއްޔެ އެކަނިވެސް 734 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.