މާލެއާއި ރަށްރަށުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މިދުވަސްކޮޅުގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުމަށް ދަތިވެދާނޭ ކަމުގެ ބިރު އެބައޮތް ކަަމަށް މޯލްޑިވިއަން ބުލަޑު ސަރވިސަސް (އެމްބީއެސް) އިން ވިދާޅުވެއްޖެެއެވެ.
އެމްބީއެސްގެ ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ މި ދުވަސްވަރު ވޮލަންޓިއަރ ކޮށްގެން ލޭ ހަދިޔާ ކުރަމުންދާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެއީ ރޯދަމަހަށް ވުމުން ދިމާވި ކަމަކަށްވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޭ ހަދިޔާ ކުރާ ވޮލަންޓިިއަރުންގެ އަދަދު މަދުވިޔަސް ލޭ އަޅާ ކުދިންނަށް އެއްވެސް ދަތިކަމެއްނެތި ލޭ ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ އެކުދިންގެ މައިންބަފައިންގެ މަސައްކަތުން ހޯދާ ލޭ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. އުމަރު ވިދާޅުވީ މާލެއާ ރަށްރަށުގައި ކޮވިޑް-19 އިތުރުވެ ފުޅާ ވަމުންދާ މިދުވަސްވަރުގައި ރަށްރަށުން ލޭ ލިބުން ދަތިވެދާނެ ކަމަށާއި އެހެން ދިމާވެއްޖެ ހާލަތެއްގައި އެންމެވެެސް މިސްރާބު ޖަހާނީ މާލެއާ ދިމާއަށް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ވީހާވެސް ގިނަބަޔަކު އެމްބީއެސް އަށް ވަޑައިގެން ލޭ ހަދިޔާ ކޮށްދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ލޭ ލިބުން ދަތިވެގެން އަޅުގަނޑުމެން އިޢުލާން ކޮށްލުމުން ވަރަށްގިނަ ފަރާތްތަކުން ކުރިންވެސް ވަނީ އިޖާބަ ދީފައި. އުންމީދު ކުރަނީ މިފަހަރުވެސް އެފަދަ ތަރުހީބެއް ލިބިގެންދާނެ ކަމަށް،" ޑރ. ޢުމަރު ވިދާޅުވިއެވެ.
ކޮވިޑު ފެތުރިފައިވާ މިދުވަސްވަރުގައި ލޭ ނެގުމުގެ ކުރިން ރައްކާތެރި ކަމަށް ވަރަށްބޮޑަށް ބައްލަވައެވެ. އެގޮތުން އެމީހެއްގެ "ހިސްޓްރީ" އޮޅުން ފިލުވައި ކޮވިޑަށް ޕޮޒިޓިވިތޯ ނުވަތަ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވެފައިވޭތޯ ބައްލަވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޕޮޒިޓިވްވިި މީހެއްގެެ ގައިން ލޭނަގާނީ ބަލިން ރަނގަޅުވާތާ 28 ދުވަސް ފަހުންނެވެ.
ޑރ. ޢުމަރު ވިދާޅުވީ ތެލެސީމިއާ ކުދިންގެ ތެރޭގައި އެންމެ ގިނައީ އޯ ޕޮޒިޓިވްއާއި، ބީ ޕޮޒިޓިވްއާއި އޭ ޕޮޒިޓިވް ލޭ އަޅަންޖެހޭ ކުދިން ކަމަށެވެ. ނެގެޓިވް ލޭ އަޅަންޖެހޭ ކުދިން މަދު ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންގެ ތެރޭގައި ދުނިޔޭގައި މިހާރު ތިބީ 633 ކުދީންނެވެ. އޭގެ ތެރެއިން މިވަގުތު މާލޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދަނީ 312 ކުދީންނެވެ.