ކުޑަކުދިންގެ ހިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ސަރުކާރަށް ގޮވާލައިފިއެވެ.

އާކްއިން ބުނީ މިވަގުތު 15 ވަރަކަށް ކުދިން ދިރިއުޅެމުންދާ ކުޑަކުދިންގެ ހިޔާގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި ކުދިން ދިރިއުޅެން ހާއްސަ ކޮޓަރިއެއްގައިކަމަށާއި އެ ނުރައްކާތެރި ހާދިސާގެ ސަބަބުން ތަނުގެ ފަރުނީޗަރާއި، މުދަލާއި އެހެނިހެން ތަކެއްޗަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަަށެވެ.

މި ހާދިސާ ރަނގަޅަށް ތަޙްޤީޤުކުރުމަށާއި މިފަދަ ހާދިސާތައް މުސްތަޤްބަލުގައި ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެ މަރުކަޒުގެ އަލިފާނާ ގުޅުންހުރި ސަލާމަތީ ކަންކަމުގެ އޮޑިޓްއެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކް އިން ވަނީ ގޮވާލާފައެވެ.

މި ދެރަ ހާދިސާ ހިނގާފައިމިވަނީ، މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތަށް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމަށާއި، މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާހުރެކަން އާކް އިން ފާހަގަކުރެއެވެ.

"މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން އާކް އިން ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ." އާކްގެ ބަޔާނުގައި ވެއެވެ.

އާކް އިން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި މިފަދަ މަރުކަޒުތަކުގެ ހުރިހާ މުވައްޒަފުންނާއި ކުދިން ބަހަލައްޓާ މަސައްކަތްތެރިންނަށް 'ފަޔަރ ސޭފްޓީ' ނުވަތަ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ތަމްރީންތައް ދިނުމަކީ ކޮންމެހެންވެސް ކުރަން މުހިންމު ކަމެއް ކަމަށެވެ.

އަދި އަލިފާން ނިންވަން ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތައް ގަވާއިދުން މަރުކަރުޒުކުގައި ބެލެހެއްޓުމަކީވެސް އަހަމިއްޔަތު ދޭންޖެހޭ ކަމެކެވެ. އެގޮތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކުދިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީންތަކާއި މުނިފޫހިފިލުވުމުގެ 'ރެކްރިއޭޝަނަލް' ޕްރޮގްރާމްތަކުގެ އިތުރުން މަރުކަޒުތަކުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި 'ފަޔަރ ސޭފްޓީ އެވެއަރނަސް'، 'ފަސްޓް އެއިޑް'، 'އެމަރޖެންސީ ޕްރިޕެއަރޑްނަސް' އަދި 'މެޑިކަލް ފަސްޓް ރެސްޕޮންސް' ފަދަ ދާއިރާތަކުން ގިނަ ތަމްރީން ޕްރޮގްރާމްތަކެއް އާރކް އިން 2010 ވަނަ އަހަރުން ފެށިގެން ހިންގާފައިވާއިރު، ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުމާއެކު މުސްތަޤްބަލުގައިވެސް މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ދައުލަތުގެ ކުދިން ބަލަހައްޓާ މަރުކަޒުތައް ހަރުދަނާކުރުމަށް އާކް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްހުރިކަން އާކް އިން ފާހަގަކުރެއެވެ.