މިހިނގާ މޭ މަހުގެ 6 އިން 12 އަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
މިނިސްޓްރީން މި ބަދަލު ގެންނެވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެންނެވެ. މި ބަދަލާއެކު މިއަދުން ފެށިގެން މިމަހުގެ 12 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް ވެސް ވަނީ އަންގަވައިފައެވެ.
މިއަދުން ފެށިގެން އެފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން އަންގަވާފައި ވެއެވެ. މި މުއްދަތުގައި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ރޭގަނޑު 9:00 އިން މެންދަމު 3:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ފޯރުކޮށް ދެވިދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަންވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގަވާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތައް މިހާރު ދަނީ ފެންނަވަމުންނެވެ. އެހެން ކަމުން ކަމާބެހޭ ފަރާތްތަކުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އަދި މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ވެސް ހިނގާ ގޮތަށްވަނީ ހަމަޖެހިފައެވެ.