އިންޑިއާއިން އައު ކޯސްޓްގަރޑް އުޅަނދެއް ބާލައިފިއެވެ. ޗެންނާއީގެ އަމިއްލަ ޝިޕްޔާޑެއްގައި ބަނދެފައިވާ މިއުޅަނދަށް ނަން ދީފައިވަނީ ވިގްރަހާގެ ނަމުންނެވެ. މި އުޅަނދު ބޭނުން ކުރާނީ އިރުމަތީ އައްސޭރި ފަށް ޕެޓްރޯލް ކުރުމަށް ވިޝާކަޕަޓްނަމް، ވައިޒަގް އޭރިއާގައެވެ.

އަމިއްލަ ކުންފުންޏެއްކަމަށްވާ ލާސޯ އެންޑް ޓަރބޯއިން އުފައްދާ ފައިވާ މިއުޅަނދަކީ، މި ވައްތަރުގެ ހަތް އުޅަނދުގެ ތެރޭން އެފަރާތުން އުފައްދައި ދީފައިވާ ފުރަތަމަ އުޅަނދެވެ.

321 ފޫޓްގެ މި އުޅަނދު ދުވާނީ 29 މޭލުގައެވެ. އަދި މާކަނޑުގައި 20 ދުވަސްވަންދެން އުޅެލެވޭނެއެވެ.

މި އުޅަނދުގައި މިހާރުގެ މުވާސަލާތީ ވަސީލަތްތައް ހަރުކޮށްފައި ވެއެވެ. މި ހުރިހައި އެއްޗެއް ޓެސްޓް ކުރުމަށް ފަހު މި އުޅަނދު ޚިދުމަތަށް ނެރޭނީ އަންނަ އަހަރުއެވެ.

މީގައި ހެލިކޮޕްޓަރާއި، ސަވައިލެންސް އޮޕަރޭޝަނަށް ބޭނުންވާ ސާމާނާއި ބޮޑު ބަޑިއާއި ރޭގަނޑަށް ފެންނަ ވައްތަރުގެ ޓެކްނޮލޮޖީ ހިމަނފައި ވެއެވެ.

މި އުޅަނދު ޚިދުމަތުގައި ގެންގުޅުމަށް ހަމަޖެހިފައި ވަނީ 25 އަހަރަށެވެ.

އިންޑިއާއިން ޕްލޭން ކޮށްފައި ވަނީ 2025 އަންނަން ވާއިރަށް ކޯސްޓްގަރޑްގެ ކެޕާސިޓީ 200 އުޅަނދަށާއި 100 މަތިންދާބޯޓަށް އިތުރު ކުރާށެވެ.

އިންޑިއާއިން 2 މިލިއަން އަކަ ކިލޯމީޓަރުގެ އިކޮނޮމިކް ޒޯން ބެލެހެއްޓުމަށް ދުވާލަކަށް 50 އުޅަނދާއި 10 މަތިންދާބޯޓް ބޭނުން ކުރެއެވެ.

އިންޑިއާގެ ކޯސްޓްގާޑަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު ކޯސްޓްގާރޑެވެ.