މުޅި ރާއްޖެއަށް ކޮވިޑް-19 ފެތުރި އަދަދުތައް އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާލޭ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށް ޓާއި، ގުޅީފަޅު) ގައި ހިންގަމުންދާ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި ސިނަމާތަކާއ ސެލޫންތައް ބަންދު ކުރަން އެޗުޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ އެންގުމެއްގައި ވިދޅުވެފައިވަނީ މިތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވަނީ މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން ކަމަށެވެ.

އޭގައި ވިދާޅުވެފައިވަނީ މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޑީޖީ މައިމޫނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގަވާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށެވެ. އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ.

މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ވެސް ވަނީ އަންގަވައިފައެވެ. މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް ވެސް ޑީޖީ ވަނީ އަންގަވައިފައެވެ.