ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް މިރޭ ދިން ޓެރަރިސްޓު ހަމަލާގެ ހަގީގަތް ހޯދުމަށް އަވަސް ތަހުގީގެ ކުރުމަށް ޕީޕީއެމް/ޕީއެންސީ އިން ސަރުކާރަށް މިރޭ ގޮވާލައިފިއެވެ.

އެ ކަމާބެހޭ ގޮތުން ނެރެފައިވާ ބަޔާނެއްގައި އެ ކޯލިޝަނުން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް ކާރުކޮޅު ކައިރިން އެއްޗެއް ގޮވައި އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލަމެވެ. އަދި ހަމައެއާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެބަޔާނުގައި ވެއެވެ.

ޓެރަރިޒަމްގެ އެޢަމަލު ރާވައި ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ މީހުން ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އެ ކޯލީޝަނުން ވަނީ ގޮވާލައިފައެވެ.

އެމަނިކުފާނަށް ދިން ހަމަލާ ކުށްވެރިކޮށް އެކިފަރާތްތަކުން ގެންދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ވެސް ދަނީ ބުނަމުންނެވެ. ރައީސް ނަޝީދަށް އޭޑީކޭގައި ގެންދަނީ ފަރުވާ ދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެމައްސަލަ އެންމެ މަތީ ފެންވަރުގައި ތަހުގީގު ކުރާނެ ކަމަށެވެ. މި ހަމަލާއަށްފަހު އެމްއެންޑީއެފުން ވަނީ ރައީސް ނަޝީދުގެ ސަލާމަތީކަންކަން ވަރުގަދަކޮށް އެލާޓްލެވެލް މަތިކޮށްފައެވެ.