ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ކުށްވެރިކުރާ ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށް ޖުމްހޫރީޕާޓީން ބުނެފިއެވެ.
އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށް އެއްޗެއް ގޮވުމުގެ ސަބަބުންވަނީ އަނިޔާ ލިބިފައެވެ. އެމަނިކުފާނަށް އެ ހަމަލާގައި އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެހީ ފުންއަސަރާ އެކުގައި ކަމަށް ވެސް ޖޭޕީން ބުނެފައިވެއެވެ.
އެޕާޓީން ބުނެފައިވަނީ މިކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހޯދައި ކަމަބެހޭ ފަރާތްތަކުން މިކަން ތަހުގީގުކޮށް ބެލުމަށް ގޮވާލާ ކަމަށެވެ.
މި އަމަލު ހިންގާފައިވަނީ ކޮންމެ ބައެއް ނުވަތަ މީހެއް ކަމަށްވިޔަސް އެބަޔަކު ހޯދައި ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތަށް ހާޒިރުކޮށް އެންމެ ހަރުކަށި އަދަބު ދިނުމުގެ ޔަހުގީގު ވީހާ ވެސް އަވަހަށް ފެށުމަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.
ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ހަމްދަރުދީ ފާޅުކޮށް ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.