ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވައިގެން ދިން ހަމަލާ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދުވެސް ކުށްވެރި ކުރައްވައިފިއެވެ. އެމަނިކުފާނުގެ އިޚްލާސްތެރި ހެޔޮ ދުޢާ ރައީސް ނަޝީދާއި އެ ހަމަލާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް ރައްދުކުރައްވާ ކަމަށެވެ.

"މިއީ ދިވެހި ޤައުމް ދާންޖެހޭނެ ހިސާބެއް ނޫން. ޚިޔާލު ތަފާތުވިޔަސް އަނިޔާވެރިކަން އިސްކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި ތިން ސިފައިންނަށް ކުދިކުދި އަނިޔާ ވިއެވެ. އެ މީހުންގެ ތެރެއިން ދެ މީހަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ވަނޫ ދޫކޮށްފައެވެ. އަނެއް މީހާރަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗުގައެވެ. އޭނާ ވެސް ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ. މިހާދިސާގައި ރައީސް ނަޝީދަށް ވެސް ވަނީ އަނިޔާވެފައެވެ. އެމަނިކުފާނު ފަރުވާ ހޯއްދަވަނީ އޭޑީކޭއިންނެވެ.