ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ރޭ ދިން ހަމަލާ ތަހުގީގު ކުރަން އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލި ވިދާޅުވެއްޖެއެވެ،

ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މި ހަމަލާ ތަހުގީގު ކުރަބް ބޭރު ފުލުހުންގެ އެހީ ހޯދަނީ ފުރިހަމަ ތަހުގީގެއް ކުރުމަށް ކަމަށެވެ. ރާއްޖޭގެ ފުލުހުންނާއި ސިފައިން މިހާރުވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. ހޯމް މިނިސްޓަރ އިމްރާން މިރޭ ވިދާޅުވީ މި މައްސަލަ އެންމެ މަތީ ދަރަޖައަށް ތަހުގީގު ކުރާނެ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ހަމަލާ ވީހައި އަވަހަކަށް ތަހުގީގު ކުރުމަށްފަހު އެކަމުުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގަވާފައި ވާނެ ޖަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ހަމަލާއަކީ މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. މިއީ ޑިމޮކްސީގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިފަދަ ޓެރަރިސްޓް ހަމަލާތަކަށް ދިވެހިބިމުން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ރަހުމްކުޑަ ހަމަލާތައް ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހަމަލާގައި ރައީސް ނަޝީދުގެ އިތުރުން ތިން ސިފައިންނާއި ބިދޭސީއަކާއި އަދިވެސް އިތުރުބަޔަކަށް ހާނިކަވެފައިވެއެވެ.ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަޚަމްތައް ލިބިވަޑައިގެންފައިވެއެވެ.

ރައީސް ނަޝީދަށް އަދިވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރައީސް ނަޝީދު ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވިފައެވެ. އެބްމެފަހުން ޑޮކްޓަރުން ބުނެފައިވަނީ އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާ ކަމަށެވެ.