ތެލަކީ އިންޖީނެއް ރޯކޮށްގެން ބޭނުންކުރުމަށް ބޭނުންވާ ކާނާއެވެ. ތެޔޮ ހުސްވުމުން އިންޖީނު ހުއްޓެއެވެ. ކަނޑުގައި ދުއްވާ ގިނަ އުޅަނދުފަހަރަކީ އިންޖީނު އަޅައިގެން ދުއްވާ އުޅަނދެވެ. މި ލިޔުމުގައި މި ބަލާލަނީ ބޯޓު ފަހަރުގައި، ހާއްސަކޮށް އާގުބޯޓުގައި، ބޭނުންކުރާ ތެލުގެ ބާވަތްތަކަށެވެ.
އެންމެ ފުރަތަމަ ބޯޓު ފަހަރުގައި އެޅީ ސްޓީމް އިންޖީނެވެ. ސްޓީމް އިންޖީނު ހިންގުމަށް ރޯކޮށްގެން އަނދާ ކޮންމެ އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ. ދަރު ބޭނުން ކުރިއެވެ. އެއަށް ފަހު ތެޔޮ ބޭނުން ކުރިއެވެ. އިންޓަރނަލް ކޮމްބަޝަން އެންޖިންގައި ބޭނުންކުރަންޖެހެނީ ހަކަތަ އުފައްދާ ދިޔާ އެއްޗެކެވެ. ނުވަތަ ގޭސް އެކެވެ. ގޭހާ ހިލާފަށް، ތެލަކީ ދިޔާ އެއްޗަކަށް ވެފައި، އާތްވަށް ވެގެން ގެއްލި ހުސްވާ އެއްޗެއް ނޫނެވެ. އެހެންކަމުން ތެޔޮ ވެގެން ގޮސްފައިވަނީ ހަކަތަ އުފައްދާ އެންމެ އާންމު މާއްދާ ކަމުގައެވެ.
މިއަދު ދުނިޔޭގައި ލިބެންހުރި ތެލުގެ ބާވަތްތައްހާ ގިނަ ބާވަތްތައް މީގެ ކުރިން ދުވަހަކުވެސް ލިބޭކަށް ނުހުރެއެވެ. ބިމުއަޑިން ނަގާ ހަކަތަ އުފައްދާ މައިގަނޑު ތިން ބާވަތެއްވެއެވެ. އެއީ ކޯލް (ބޯޓުދެލި)، ކުރޫޑް އޮއިލް (ތެޔޮ)، އަދި ނެޗުރަލް ގޭސް އެވެ. ބޯޓުދެލި އަންދާ އުޅަނދުފަހަރު މިހާރު ނެތޭ ބުނެވިދާނެއެވެ. އެފަދަ އުޅަނދުތަކަކީ މިހާރު ހަމައެކަނި ދާރުލްއާސާރުގައި ތާރީހައްޓަކައި ބޭނުންކުރާ އުޅަނދުފަހަރެވެ. މިއަދު ލިބެން ހުރި ހަކަތަ އުފައްދާ މާއްދާތަކުގެ ބާވަތްތަކަކީ ބިމުއަޑިން ނަގާ ތެލުގެ އެކި ވައްތަރުތަކާއި، ތަރުކާރި އާއި ޖަނަވާރުގެ ބައިތަކުން ހާނާ ތެލާއި، އެލްއެންޖީ (ދިޔާކޮށްފައިވާ ގުތުރަތީ ގޭސް) އާއި، އީތޭން، މީތޭން، އަދި މަދުން ނަމަވެސް ހައިޑްރިޖަންއެވެ.
ބިމު އަޑިންނަގާ ތެލުގެ ބާވަތްގައި ހިމެނޭ އެކިއެކި ކެމިކަލްގެ ސަބަބުން ތިމާވެއްޓަށް ވަރަށް ނޭދެވޭ އަސަރުތަކެއްކުރެއެވެ. ވިހަ ގޭސް ބޭރުވުމާއި، އޯޒޯން ފަށަލަ ހަލާކުވުމަށް އެހީވެދެއެވެ. ހާއްސަކޮށް ތެލުގައި ހިމެނޭ ސަލްފަރ އަކީ ވަރަށް ގެއްލުންދޭ ކެމިކަލް އެކެވެ. މިހާރު ހަދާފައިފާ އަދި ތަރައްގީ ކުރަމުންދާ މުއާހަދާތަކުގައި މިކަމާމެދު ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އެ މުއާހަދާތަކުން ބާރު އަޅަނީ ތެޔޮ ބޭނުން ކުރާ ނަމަ، އެކަށީގެން ފަންނީ އާލާތްތަކުގެ އެހީގައި، އެއިން ބޭރުކުރާ ދުމުގައިވާ ވިހަ ބައިތައް ސާފުކުރުމަށެވެ. ނުވަތަ ގޭސް ފަދަ، ތެލަށް ވުރެ ސާފު މާއްދާއެއް ހަކަތަ އުފައްދަން ބޭނުންކުރުމަށެވެ.
2020 ގެ ފަހުން ބޯޓުފަހަރުގައި ބޭނުންކުރާ ތެލުގައި ސަލްފަރ ހުރެގެން ނުވާނެއެވެ. އެހެންކަމުން، ސަލްފަރ އާ ނުހިމެނޭ ބާވަތްތަކުގެ ތެޔޮ އުފެއްދުމުގެ ދިރާސާތައް ކުރެވިފައިވެއެވެ. މައިގަނޑު ގޮންޖެހުމަކީ ހަރަދެވެ. ސަލްފަރ އާއި އެހެނިހެން ވިހަ މާއްދާތައް ފިލުޓަރުކުރުމަކީ އަގުބޮޑު ކަމެކެވެ. އެހެންވެ، ބޯޓުފަހަރު ދުއްވުމުގެ ހަރަދު އޭގެ ސަބަބުން ބޮޑުވެގެން ދިއުމަކީ، ވިޔަފާރީގައި ލިބޭ ބޮޑު ގެއްލުމެކެވެ.
ބިމު އަޑިން ނަގާ ތެލުގައި ވަރަށް ގިން ބާވަތްތަކުގެ ތެޔޮ ހިމެނިގެން ވެއެވެ. ޑިސްޓިލޭޝަން އޭ ކިޔާ ގޮތެއް ބޭނުންކޮށްގެން، އެ ބާވަތްތައް ވަކިކޮށްގެން ޕެޓްރޯލާއި، ޑީސަލާއި، ކަރާސީނުތެލާއި، އަދިވެސް އެހެނިހެން ތަލުގެ ބާވަތްތައް ވަކި ކުރެވެއެވެ. އެތަކެތި ވަކިކުރުމުން ބާކީ ހުންނަނީ ވަރަށް އޮލަ، ގަދަ ކަޅުކުލައިގެ ކަޅުތެލެވެ. މި ތެލަށް ކިޔަނީ "ހެވީއޮއިލް" އެވެ. ނުވަތަ "ހެވީ ފިއުލް އޮއިލް" (HFO) އެވެ. ހެވީއޮއިލް އަކީ އާގުބޯޓުފަހަރުގައި އެންމެ އާންމުކޮށް ބޭނުންކުރާ ތެލެވެ. އެ ތެޔޮ އޮލަކަމުން، އިންޖީނުގައި އެންދުމަށް ބޭނުންކުރުމުގެ ކުރިން ހޫނުކޮށްގެން ދިޔާ ކުރަންޖެހެއެވެ. ހެވީއޮއިލް އަކީ އަގުހެޔޮ ތެލެކެވެ. ނަމަވެސް ވަރަށް ގެއްލުންހުރި ތެލެކެވެ. ގެންލުން ވަނީ ތިމާވެއްޓަށް އެކަންޏެއް ނޫނެވެ. އިންޖީނަށްވެސް ވަރަށް ބޮޑަށް ގެއްލުންވެއެވެ.
ހެވީއޮއިލް އިން ލިބޭ ގެއްލުންތައް ކޮންޓުރޯލުކުރުމަށް ބައިނަލްއަގުވާމީ ސްޓޭންޑާޑް ތަކެއް ހެދިފައިވެއެވެ.
ހެވީއޮއިލް ބޭނުންކުރަނީ ލޯ ސްޕީޑް އިންޖީނުގައެވެ. ބައެއް މީޑިއަމް ސްޕީޑް އިންޖީނުގައިވެސް ބޭނުންކުރެއެވެ. ކޮންމެ އިންޖީނެއްގައި ބޭނުންކުރި ނަމަވެސް، އެއީ ބަނދަރުތަކާއި އެއްގަމާ ދުރު ހިސާބުތަކުގައި، މާކަނޑުގައި އެކަނި ބޭނުންކުރާ ތެލެކެވެ. ސަބަބަކީ އެތެޔޮ ބޭނުންކުރުމުން ބޭރުވާ ދުމަކީ ވަރަށް ވިހަ ގިނަ ދުމެކެވެ.
އާގުބޯޓުފަހަރު ބަނދަރަށް ވަންނަންވީމަ، ޑީސަލް ތެލަށް ބަދަލު ކުރެއެވެ.
ބަޔޯފިއުލް
"ބަޔޯ-ޑީސަލް" އަކީ މީހާރު އާންމުކޮށް ބޭނުންކުރާ އިބާރާތެކެވެ. އެއީ ކާނާގެ ގޮތުގައި ބޭނުންކުރާ، ނުވަތަ އެއިން ބާކީވާ ގަސްގަހާގެހިންނާއި ޖަނަވާރުގެ ބައިތަކުން، ދެބައި އެއްކޮށްގެން ނުވަތަ ވަކިވަކިން ބޭނުންކޮށްގެން ތައްޔާރުކުރާ ހަކަތަ އުފައްދާ މާއްދާތަކަށް ދީފައިވާ ނަމެކެވެ. ގިނަފަހަރަށް ބަޔޯ-ޑިސަލްގެ މަދު މިންވަރެއް އާދައިގެ ޑީސަލާ އެއްކޮށްލުމުން ލިބޭ ނަތީޖާއަކީ ތެލެއްގެ ގޮތުގައި ބޭނުންކުރުމަށް މާރަނގަޅު މާއްދާއެކެވެ. ނަމަވެސް އުފެއްދުމަށް އަގުބޮޑު ތެލަކަށް ވާތީ، ވިޔަފާރީގެ ގޮތުގައި އޮޕަރޭޓުކުރާ އާގުބޯޓުފަހަރުގައި ބަޔޯ-ޑީސަލް ބޭނުންކުރުން އާންމުވެފައެއް ނުވެއެވެ.
ކޮމަޝަލްކޮށް ބަޔޯ-ޑީސަލް ބޭނުންކުރާ އެންމެ ބޮޑު ޝިޕިންގް ކޮންޕެނީއަކީ ފިންލެންޑް ގެ މެރިއައުރާ ގްރޫޕް އެވެ. އެ ކުންފުނީގެ 5000 ޓަނުގެ އާގުބޯޓުތަކުގައި ބޭނުންކުރަނީ "އިކޯފިއުލް" ގެ މަރުކާގައި ތައްޔާރުކުރާ ބަޔޯ-ޑީސަލް ތެލެވެ.
އިކޯފިއުލް މަރުކާގައި ތައްޔާރުކުރާ ތެލަކީ، މަސް ޕްރޮސެސް ކުރާ ކާރުހާނާތަކުން އުކާލާބައިތަކާއި، އެކުއާކަލްޗަރ ކާރުހާނާ ތަކުން ބޭރުކުރާ ކުނި ބޭނުންކޮށްގެން ތައްޔާރުކުރާ، އެއްވެސް ވިހަ ބާވަތެއް އޭގައި އެކުލެވިގެން ނުވާ، އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފައްދާ މާއްދާއެކެވެ. އިކޯފިއުލް އަކީ ހެވީއޮއިލް ބޭނުންކުރާ އިންޖީނުތަކުގައިވެސް ސީދާ ބޭނުންކުރެވޭ ތެލެކެވެ.
ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ވެސެލް ތައް އޮޕަރޭޓުކުރާ މަރސްކް ލައިން އިންވެސް ބަޔޯ-ޑީސަލް ތެލާބެހޭ ދިރާސާތަކާއި ތަހުލީލުތައް ކުރަމުން ދެއެވެ. މޫދުއަޑީގައި ޖަހާފައިހުން ފެހި (އެލްގޭ) ބޭނުންކޮށްގެން ތަރުކާރި އާއި އެހެނިހެން ކުންޏާއެއްކޮށްގެން ބޭނުންކުރެވޭފަދަ ތެލެއް ވަނީ އުފައްދާފައެވެ.
ވޮލްވޯ ޕެންޓާ އިން ވެސް މުނިފޫހިވިލުމަށް ގެންގުޅޭ އުޅަނދުފަހަރަށް ހާއްސަ ބަޔޯ-ޑީސަލް ތެލެއްގެ ހިޔާލު ފާޅުކޮށްފައި ވެއެވެ. އެއީވެސް އާގުބޯޓުފަހަރުގެ ބޮޑެތި އިންޖީނުތަކުގައި ބޭނުންކުރެވިދާނެ ތެލެކެވެ.
ބަޔޯ-ޑީސަލް އަކީ ގިނަދުވަހު ރައްކާކޮށްފައި ބަހައްޓަން އުދަނގޫ އެއްޗެކެވެ. އެއީ ކާބޯތަކެތި ފަދައިން ހަލާކުވާ އެއްޗެކެވެ. ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުންވެސް ހަލާކުވުން އެކަށީގެންވެއެވެ. އެހެންކަމުން އެފަދަ ތެޔޮ ބޭނުންކުރުމުގައި އެކަމަށް ސަމާލުކަން ދޭންޖެހެއެވެ. މިނޫންވެސް ބައެއް ނޭދެވޭ ސިފަތައް އެކުލެވިގެން ވިނަމަވެސް، ބަޔޯޑީސަލް އަކީ ޖުމުލަކޮށް ރަނގަޅު އެއްޗެކެވެ.
ސަލްފަރ މަދުކުރުން
މާޕޮލް އެނެސް ހައެއް ތަންފީޒުކުރުމުގެ ގޮތުން، ތެލުގެ ގޮތުގައި ބޭނުންކުރާ ހުރިހާ ބާވަތަކުން ސަލްފަރ މަދުކުރުމަށް ކަނޑައަޅާ އެންމެ ފަހު ތާރީހަކީ 2020 ކަމުގައި ވަނީ އ.ދ ގެ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ އައިއެމްއޯ އިން، ނިންމާފައެވެ.
ބަޔޯފިއުލް ގެ އިތުރުންވެސް ތިމާވެށި ރައްކާކޮށްދޭގޮތަށް ވަރަށް ގިނަ ބާވަތްތަކުގެ ތެޔޮ އުފައްދާފައިވެއެވެ. "ޑިސްޓިލޭޓް ފިއުލްސް" އާއި "އިމަލްސިފައިޑް ފިއުލްސް" އަދި "ނޮން އޮއިލް ފިއުލްސް" އަކީ އެފަދަ ހަކަތަ އުފައްދާ މާއްދާތަކުގެ ބާވަތްތަކެކެވެ.
ލިކުއިފައިޑް ނެޗުރަލް ގޭސް
2020 ވެގެން ދިޔައީ މާކަނޑުގައި ދުއްވާ ބޮޑެތި ބޯޓުފަހަރުގައި އަލަށް ލިކުއިފައިޑް ނެޗުރަލް ގޭސް ނުވަތަ އެލްއެންޖީ (LNG) ބޭނުންކުރަން ފެށި އަހަރުކަމުގައެވެ. އެލްއެންޖީ އަކީ ދިޔާކުރެވިފައިވާ ގުދުރަތީ ގޭހެވެ. ތެޔޮ ފަދައިން މިއީވެސް ބިމުއަޑިން ނަގާ ހަކަތަ އުފެއްދުމަށް ބޭނުންކުރާ މާއްދާއެކެވެ. ތެލާ ހިލާފަށް، އެލްއެންޖީ ގައި ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކެމިކަލްތަކެއް ހިމެނިފައި ނުހުރެއެވެ. އެހެންވެ، އެލްއެންޖީ އަކީ ބޯޓުފަހަރުގެ ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް ރަނގަޅު ވަސީލަތެކެވެ. އަލަށް ބަނުމަށް މިހާރު އޯޑަރުދީފައިވާ ބޯޓުފަހަރުގެ %13 އަކީ އެލްއެންޖީ ބޭނުންކުރާ އުޅަނދެވެ. މިއަދަދު ދެން ދާނީ މައްޗަށެވެ.
މުސަތަގުބަލުގައި އާގުބޯޓުފަހަރުގައި ތެޔޮ ބޭނުންކުރެވޭނީ ތިމާވެއްޓަށް ގެއްލުން ނުލިބޭގޮތަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެ ބަދަލުތައް ތެލަށް ވެސް ނުވަތަ އިންޖީނަށްވެސް ގެނެވިދާނެއެވެ. ނަތީޖާއަކަށް ވާންޖެހޭނީ، ތެޔޮ ބޭނުންކޮށްގެން ބޭރުވާ އެއްވެސް ދުމެއް ނުވަތަ އެހެން އެއްޗެއްގައިވެސް ނޭދެވޭ ކެމިކަލެއް ނުވަތަ ވިހައެއް ހުރުގެން ނުވުމެވެ.