ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. އެބަލީގައި ނިޔާ ވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 83 ވަނަ މީހާ ކަމަށް އެޗުޕީއޭއިން ބުނެފައިވެއެވެ.

މިއީ ހާލުބޮޑުވެގެން އައިޖީއެމްއެޗަށް އިއްޔެ ގެންދިޔަ މީހެއް ކަމަށް ވެސް އެޗުޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 11:15 ގައެވެ.

މި ދުވަސްވަރަކީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާ ދުވަސްވަރެކެވެ. ފަހަކަށް އައިސް ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 700 އިން މަތީގައެވެ. މިބަލި ޖެހިފައިވާ 8،261 މީހުން ރާއްޖޭގައި އެބަތިއްބެވެ.

ބަލިން ސަލާމަތްވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވުން ވަރަށް މުހިންމެވެ. އޭގެ އިތުރުން ދެ މީހުންގެ ދެމުގައި ދުރުމިން ބެހެއްޓުމާއި މާސްކު އެޅުމާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން ވަރަށް މުހިންމެވެ.