ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ދިވެހިންގެ ޒަމާންވީ އެއްބައިވަންތަކަމަށާއި، އިންސާނިއްޔަތަށް ދިން ރަޙުމުކުޑަ ހަމަލާއެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެރޭގައެވެ. ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅޭ ގެކޮޅު ކައިރީގައެވެ. އެއީ ނިރުބަވެރި ހަމަލާއެއް ކަމަށް އެޕާޓީން ވެސް ވަނީ ބުނެފައެވެ. އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށާއި، މި ހަމަލާގައި އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދޭ ކަމަށް ވެސް ބުނެފައިވެއެވެ.

"މިހަމަލާ އެންމެ އިސްކަމެއް ދީގެން، ޤާނޫނުތަކުން ލިބިދީފައިވާ ބާރުތައް އޭގެ އެންމެ ފުރިހަމައަށް ބޭނުންކޮއްގެން ތަޙުޤީޤުކޮށް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް މިޕާޓީން ގޮވާލަމެވެ،" އެބަޔާނުގައި ވެއެވެ.

މިފަދަ ނިރުބަވެރި ހަމަލާތަކަށް މި ފަސްގަނޑުގައި ޖާގަ ނުދިނުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް އެޕާޓީން ވަނީ ސަލާމަތީ ބާރުތަކަށާއި، ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލައިފައެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ނިރުބަވެރި، އުދުވާނީ އެކިއެކި ފިކުރުތަކުން މި މުޖުތަމަޢު ސަލާމަތްކޮށް، ދިވެހީންގެ ތެރޭގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމަށް ސަލާމަތީ ބާރުތަކަށާއި އިދާރާތަކަށް މި ޕާޓީން ގޮވާލަމެވެ."

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި 4 މީހަކު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ކަމަށް ފުލުހުންވަނީ ބުނެފައެވެ. މިހަމަލާއަށްފަހު ރައީސް ނަޝީދު އަދިވެސް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އެމަނުކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށް ވެސް އޭޑީކޭ އިން ވަނީ ބުނެފައެވެ.