ރާއްޖޭގެ ރައްޔިތުން އިނގިރޭސި ވިލާތަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ ހަލުވިމިނެއްގައި ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކޭގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް ގްރާންޑް ޝެޕްސް ވިދާޅުވީ އެގައުމުގެ ރެޑް ލިސްޓަށް މިހާރު ތިން ގައުމެއް އިތުރުކޮށްފައިވާ ކަމަށެވެ. އެ ތިން ގައުމަކީ ރާއްޖެ އާއި ނޭޕާލް އަދި ތުރުކީ އެވެ. އެ ލިސްޓުގައި މިހާރު ޖުމްލަ 43 ގައުމެއް ވަނީ ހިމަނާފައެވެ.

ރެޑް ލިސްޓުގައި ހިމަނާފައިވާ ގައުމަކަށް ފާއިތުވި 10 ދުވަސް ތެރޭގައި ދަތުރުކޮށްފައިވާ މީހެއްނަމަ ޔޫކޭ އަށް އެތެރެ ނުވެވޭނެއެވެ. މި ފިޔަވަޅުން ހަމައެކަނި އިސްތިސްނާ ވާނީ ޔޫކޭ އަދި އައިރިޝް ޕާސްޕޯޓެއް އޮތް މީހުންނެވެ. އަދި އެފަދަ މީހުންވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.