ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު އޮންލައިންކޮށްވެސް ހިއްސާ ކުރެވޭނެެ ޕޯޓަލް އެއް ފުލުހުން ގާއިމް ކޮށްފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ، އެހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯ، ވީޑިއޯއެއް ނުވަތަ ލިޔެކިޔުމެއް ނަމަވެސް، ފުލުހުންނާ ވީއެންމެ އަވަހަކަށް ހިއްސާކޮށްދިނުމަށް އެދިފައެވެ. އެފަދަ މައުލޫމާތެއް އޮތްނަމަ، ފުލުހުންގެ ޕޯޓަލް https://u.police.mv/evidence މެދުވެރިކޮށް ފޮނުވައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެ މައުލޫމާތު ހިއްސާކުރާ މީހާގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

ރައީސް ނަޝީދުގެ ހަށީކޮޅަށް އަމާޒުކޮށް އައިއީޑީއެއް ގޮށްވާލައިގެން ދީފައިވާ މި ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ރައީސް ނަޝީދަށް ވަނީ އޭޑީކޭގައި ފަރުވާދީ އޮޕަރޭޝަންތަކެއް ކޮށްފައެވެ. މި ހަމަލާގައި އިތުރު ފަސް މީހަކަށްވެސް ޒަހަމްތައް ވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނެެފައިވަނީ މިހަމަލާއާއި ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުންނަށް ފާރަލަމުން އަންނަކަމަށެވެ.