ކޮންމެ ކުޅުންތެރިޔަކުވެސް ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާނެ ކަމަށާއި އޭނާވެސް ދެކެމުން އަންނަ ހުވަފެނަކީ ރެއާލް މެޑްރިޑަށް ކުޅެން ފުރުސަތު ލިބޭނެ ދުވަހެއްކަމަށް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ގައުމީ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

2016 ވަނަ އަހަރުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޕޮގްބާ މިހެން ބުނެފައި ވަނީ ޔޫކްރައިން އަތުން އިއްޔެ ރޭ ފްރާންސް 7-1 ގެ ބޮޑު ތަފާތަކުން މޮޅުވި މެޗަށްފަހުއެވެ.

"ކޮންމެ ކުޅުންތެރިޔެއްގެވެސް ހުވަފެނެއް ރެއާލް މެޑްރިޑަށް ކުޅުމަކީ. ކެރިޔަރުގެ ކޮންމެވެސް ހިސާބަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ އަހަރެންވެސް ދެކެމުން އަންނަ ހުވަފެނެއް. މިހުވަފެން ނުދެކެންވީ ސަބަބެއްވެސް ނެތް" ޕޮގްބާ،27، ބުންޏެވެ.

މެންޗެސްޓަރ ޔުނައިޓަޑާއެކު ޕޮގްބާ ހަދަފާއިވާ ކޮންޓްރެކްޓް މިސީޒަނުގެ ނިޔަލަށް ހަމަވާއިރު ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް އަދި ފަށާފައެއް ނުވެއެވެ. އަނެއްކޮޅުން ރެއާލް މެޑްރިޑުގެ ކޯޗް އަދި ފްރާންސް ގައުމީ ޓީމުގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާން ވަނީ ޕޮގްބާއަށް ޝައުގުވެރިވާކަން ފާޅު ކޮށްފައެވެ.

"މިވަގުތު އަހަންނަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިއެއް. އަހަރެން މަސައްކަތް ކުރަމުން މިދަނީ ކުރީގެ މޮޅު ކުޅުން އަލުން ދެއްކޭތޯ. އާކޮންޓްރެކްޓެއް މެންޗެސްޓަރ ޔުނައިޓެޑުން ހުށަހަޅާނެ ކަމަށް ގަބޫލް ކުރަން. ކޮންޓްރެކްޓް އާކުރުމާއި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް އަހަރެން ނެތިން. މިކްލަބުދެކެ އަހަރެން ވަރަށް ލޯބިވަން. އަދި ޓީމުގައި ތިބި ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސުން ކާމިޔާބު ކުރިއިރު އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާ ބުންޏެވެ.