ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ.
ކުޑަވެސް ޝައްކެއް ނެތްގޮތުގައި ބިސްމިއަކީ ސޫރަތުލް ފާތިޙާ އާދެ! اَلْحَمْدُގެ އާޔަތެކެވެ. ރަނގަޅަށް ވިސްނައިލުމުން ބުއްދީގެ ގޮތުން އެނގިގެންދާ އެއްޗަކީ اَلْحَمْدُގެ ހަތް އާޔަތް އޮވެފައި އެސޫރަތް ބާރަށް ކިޔަވަންޖެހޭއިރު އެއްއާޔަތް ސިއްރުން ކިޔަވާފައި އަނެއް ހައާޔަތް ބާރަށް ކިޔެވުމަކީ ހަމަބުއްދި ޤަބޫލުކުރާ ކަމެއް ނޫންކަމެވެ. އެހެންކަމަށް ވާނަމަ ބާރަށް ކިޔަވާ ނަމާދުގައި اَلْحَمْدُ ކިޔަވާއިރު ބިސްމި ކިޔަންޖެހޭނީ اَلْحَمْدُގެ އެހެނިހެން އާޔަތްތަކެކޭވެސް އެއްގޮތަކަށް ބާރަށެވެ.
އިސްލާމީ އުއްމަތުގައި އިޚްތިލާފު އުފެދިފައި އޮތްކަމުގައިވިއަސް މިމައްސަލާގައި ޢިލްމުވެރިން ގެންނަވާފައިހުރި ހުރިހާ ކޮޅެއްގެ ދަލީލުތަކާމެދު އިންސާފުވެރި ގޮތަކަށް އަޅުގަޑުމެން ބަލާލަމާ ހިނގާށެވެ! އެއިރުން ޔަޤީނުންވެސް ޝައްކުތައް ފިލައިގޮސް ޙައްޤު ހާމަވެގެން ދާނެއެވެ. މިގޮތުން ފުރަތަމަ ބަލައިލާހިތްވަނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއްތޯ، ނުވަތަ ނޫންތޯ މިއަށެވެ. މިހެނީ بِسْمِ اللَّهِ އަކީ اَلْحَمْدُގެ އާޔަތެއް ކަމުގައި ވާނަމަ މިމައްސަލާގައި އިތުރަށް ދިގު ބަޙުޘްތަކެއް ކުރަންޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކޭތީއެވެ. ވުމާއެކު އިންސާފުވެރި ނަޒަރަކުން ޤުރުއާނާއި ސުންނަތުގެ އަލީގައި މިމައްސަލައާމެދު ބުރަދަންހުރީ ކޮން ކޮޅަކަށްތޯ ބަލައިލަން އެބަޖެހެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ މިއާޔަތާމެދު ވިސްނާލައްވާށެވެ! އެއިލާހު ވަޙީކުރަށްވާފައި ވެއެވެ. ﴿وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ﴿٨٧﴾ (ޔަޢުނީ: ހަމަކަށަވަރުން އަހުރެން ކަލެއަށް ފަހަރުފަހަރު މަތީން ކިޔަވަންޖެހޭ ހަތް އާޔަތާއި ކީރިތި ޤުރުއާން ދެއްވީމެވެ.) ([1])
(1) މިއާޔަތުގައި "السَّبْعُ الْمَثَانِى" އޮތް ބަސްފުޅުގެ މުރާދަކީ سُورَةُ الْفَاتِحَة ކަމުގައި رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ އަރިހުން އެތަކެއް ޞައްޙަ ޙަދީޘަކުން ސާބިތުވާން އެބަ އޮތެވެ. އަދި މާތް ﷲ ރުއްސުންލެއްވި أَبُو هُرَيْرَةގެ ކިބައިން ރިވާވެގެންވެއެވެ. އެރިވާޔަތުގައި ވަރަށް ޞަރީޙަކޮށް بِسْمِއަކީ اَلْحَمْدُގެ ހަތް އާޔަތުގެ ތެރެއިން އެއްއާޔަތް ކަމުގައި ބަޔާންވެގެންވެއެވެ. އެރިވާޔަތުގައި އައިސްފައިވަނީ މިފަދައިންނެވެ. "إِذَا قَرَأَ أَحَدُكُمْ اَلْحَمْدَ فَاقْرَأُوا بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِنَّهَا أُمُّ الْقُرْآنِ وَأُمُّ الْكِتَابِ وَالسَّبْعُ الْمَثَانِى وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ إِحْدَى آيَاتُهَا" (ޔަޢުނީ: ކަލޭމެން اَلْحَمْدُ ކިޔަވާއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާށެވެ. ހަމަކަށަވަރުން އެއީ أُمُّ الْقُرْآنِ އެވެ. އަދި أُمُّ الْكِتَابِ އެވެ. އަދި اَلسَّبْعُ الْمَثَانِى އެވެ. އަދި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އަކީ އެސޫރަތުގެ އެއް އާޔަތެވެ.) ([2])
(2) މާތް ﷲ ރުއްސުންލެއްވި އުންމު ސަލަމާގެ އަރިހުން ރިވާވެގެން ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ الْفَاتِحَةِ فِي الصَّلاَةِ فَعَدَّهَا آيَةً مِنْهَا" ([3]) (ޔަޢުނީ: ހަމަކަށަވަރުން رَسُولُ اللَّهِ H ނަމާދުގައި ސޫރަތުލްފާތިޙާގެ ކުރީގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ކިޔަވާ ވިދާޅުވެއެވެ. އަދި އެކަލޭގެފާނު އެއާޔަތަކީ އެސޫރަތުގެ އާޔަތެއްގެ ގޮތުގައި ބައްލަވައެވެ.)
(3) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عَنْ اِبْنِ عَبَّاسٍ أَنَّهُ قَرَأَ الْفَاتِحَةَ ثُمَّ قَالَ (وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي) قَالَ: هِيَ فَاتِحَة الْكِتَاب وَبِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ اْلآيَةُ السَّابِعَةُ. ([4]) (މާނައީ: އިބްނު ޢައްބާސް މިއާޔަތް ކިޔަވާ ވިދާޅުވުމަށްފަހު ވިދާޅުވިއެވެ. މިތާގައި ސަބްޢު މަޘާނީގެ މުރާދަކީ ފާތިޙަތުލް ކިތާބެވެ. بِسْمِ اللَّهِ އަކީ އެސޫރަތުގެ ހަތްއާޔަތުގެ ތެރެއިން އެއް އާޔަތެވެ.)
(4) ބަޔާންވެދިޔަ ދަލީލުތަކުގެ އިތުރުން، މުޞްޙަފުގެ ލިއުމަށް ބަލާލި ކަމުގައި ވިއަސް ބިސްމިއަކީ އަލްޙަމްދުގެ އާޔަތެއް ކަމުގައި ތާއީދު އެބަ ލިބެއެވެ. އެއީ ކީރިތި ޤުރުއާން ލިޔެވުނުއިރު ﷲގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެއްނޫން އެހެން އެއްވެސް އެއްޗެއް މުޞްޙަފުގައި ލިޔެވިފައި ނުވާއިރު، رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ ލޮބުވެތި އަޞްޙާބުންގެ އިޖުމާޢުން އެއްވެސް ޚިލާފެއްނެތި އެބޭކަލުންވަނީ މުޞްޙަފު ލިއުއްވިއިރު بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِއަކީ އާޔަތެއް ކަމުގައި ހިމަނުއްވަވައި 113 ސޫރަތުގެ ކުރީކޮޅުގައި ބިސްމި ލިއުއްވާފައެވެ. މިގޮތުން އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތި ބަރާއަތު ސޫރަތުގެ ކުރީކޮޅުގައި بِسْمِ اللَّهِ ނުލިއުއްވައި އަނެއް 113 ސޫރަތުގެ ކުރީކޮޅުގައި އެބޭކަލުން މިއާޔަތް ލިއުއްވާފައި އޮތް އޮތުމަކީ رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އެބޭކަލުންނަށް މިގޮތަށް ޢަމަލުކުރަށްވަން އަންގަވާފައި އޮތްކަމުގެ ސާފު ހެއްކެކެވެ. އަދި ޤުރުއާން ބާވައިލެއްވުނީ މިގޮތަށްކަން ދަލީލުކޮށްދޭ ހެއްކެއްވެސް މެއެވެ. އެހެނީ ކީރިތި رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ގެ އަމުރުފުޅަކާ ނުލައި އަޞްޙާބު ބޭކަލުން މިފަދަ މުހިއްމު ފިޔަވަޅެއް ނާޅުއްވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.
(5) މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. "سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ كَانَتْ مَدًّا ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يَمُدُّ بِبِسْمِ اللَّهِ وَيَمُدُّ بِالرَّحْمَنِ وَيَمُدُّ بِالرَّحِيمِ" ([5]) މާނައީ: رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ ކީރިތި ޤުރުއާން ކިޔަވާވިދާޅުވަނީ ކިހިނަކުންތޯ، މިފަދައިން މާތްﷲ ރުއްސުންލެއްވި އަނަސާއި ސުވާލުވެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ކީރިތި ރަސޫލާ މައްދުކުރަށްވައި ދަންމަވަތެވެ. ދެން އަނަސްގެފާނު މިފަދައިން بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ތިލާވަތު ކުރަށްވާފައި ވިދާޅުވިއެވެ. މިގޮތަށް بِسْمِ اللَّهِ އަށް މައްދު ކުރަށްވަތެވެ. އަދި الرَّحْمَن އަށްވެސް މައްދު ކުރަށްވަތެވެ. އަދި الرَّحِيم އަށްވެސް މައްދުކުރަށްވަތެވެ.
(6) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. "كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لاَ يَعْلَمُ خَتْمَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ"([6]) މާނައީ: އެއްސޫރަތްނިމި އަނެއް ސޫރަތް ފެށޭތާގައި بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ މިއާޔަތް ބާވައި ލެއްވުމުން ނޫނީ އެސޫރަތް ނިމުނުކަމެއް رَسُولُ اللَّهِ صَلَّى ٱللَّٰهُ عَلَيْهِ وَآلِهِ وَسَلَّمَ އަށް އެނގިވަޑައި ނުގަންނަވަތެވެ.
(7) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَانَ إِذَا جَاءَهُ جِبْرِيلُ فَقَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ عَلِمَ أَنَّهَا سُورَةٌ "([7]) މާނައީ: رَسُولُ اللَّهِ Hގެ އަރިހަށް ޖިބްލީގެފާނު ވަޑައިގެން ބާވައިލެއްވޭ އާޔަތްތައް ތިލާވަތު ކުރަށްވާއިރު بِسْمِ اللَّهِ ވިދާޅުވެއްޖެނަމަ އެއީ ސޫރަތެއް ފެށުނީކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވަތެވެ.
(8) އަދިވެސް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސުގެ ކިބައިން ރިވާވެގެން ވެއެވެ. كَانَ الْمُسْلِمُونَ لاَ يَعْلَمُونَ اِنْقِضَاءَ السُّورَةِ حَتَّى يَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ([8]) މާނައީ: މުސްލިމުންނަށް ކީރިތިޤުރުއާނުގެ ސޫރަތެއް ނިމިއްޖެކަން އެނގެނީ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ބާވައިލެއްވުމަށް ފަހުއެވެ.
(9) ދަންނަވަންތޯއެވެ؟ ބަޔާންވެދިޔަ އެއްވެސް ރިވާޔަތެއްގެ ޞައްޙަކަމާމެދު މުޙައްދިޘުންގެ މެދުގައި ކުޑަވެސް ދެބަސްވުމެއް އުފެދިފައި ނުވެއެވެ. އެހެންކަމުން މިރިވާޔަތްތަކަށް ބައްލަވައިގެން ސޫރަތުލް ފާތިޙާގެ އާޔަތެއް ކަމުގައި بِسْمِ اللَّهِ ހިމެނުއްވުމާއި އެސޫރަތް ފަށާއިރު بِسْمِ ކިއުމަކީ رَسُولُ اللَّهِ Hގެ އެތަކެއް ޞަޙާބީންނެއް ޤަބޫލު ކުރަށްވާ ކަމެކެވެ. އޭގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުއް ޞިއްދީޤާއި ޢުމަރުލް ފާރޫޤާއި ޢުޘްމާނު އިބްނު ޢައްފާނާއި ޢަލިއްޔު އިބްނު އަބީ ޠާލިބާއި ޢައްމާރުބްނުު ޔާސިރާއި އުބައްޔުބްނު ކައުބާއި އިބްނު ޢުމަރާއި އިބްނު ޢައްބާސާއި އަބޫޤަތާދާއާއި އަބޫ ސަޢީދުލް ޚުދްރީއާއި އަނަސްބުނު މާލިކާއި އަބޫހުރައިރާއާއި ޢަބުދު ﷲ އިބްނި އައުފާއި ޝައްދާދުބްނު އައުސާއި ޢަބުދު ﷲ އިބްނު ޖަޢުފަރާއި ޢަބްދު ﷲ އިބްނުއް ޒުބައިރާއި ޙަސަން އިބްނު ޢަލީ އާއި އެނޫންވެސް އެތަކެއް ޞަޙާބީންނާއި ތާބިޢީ ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. (ނުނިމޭ)
ފުޓްނޯޓްތައް:
[1] ސޫރަތުލް ޙިޖްރި: (87) އެވެ. މިއާޔަތުގައި ބަޔާންކޮށްފައި މިވާ ސަނާގެ ހަތް އާޔަތަކީ ސޫރަތުލްފާތިޙާ ކަމުގައި އެންމެހައި މުފައްސިރުން އެއްބަސްވެ ވަޑައިގަންނަވައެވެ. [2] ރިވާކުރެއްވީ ދާރުޤުޠްނީއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ މިރިވާޔަތުގެ ހުރިހާ ރާވީންނަކީ ޘިޤާއިން (އިތުބާރު ހިފޭ ބޭކަލުން) ކަމުގައެވެ. މިވާހަކަ ނަގާފައިވަނީ އަލްމަޖްމޫޢުގެ 336/3 އިންނެވެ. [3] ރިވާކުރެއްވީ އިމާމު އިބްނު ޚުޒައިމާ، އެކަލޭގެފާނުންގެ ޞަޙީޙުގައެވެ. [4] ރިވާކުރެއްވީ އިމާމު އައްޠަބަރީއެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ. [5] ރިވާކުރެއްވީ އިމާމު ބުޚާރީއެވެ. [6] ރިވާކުރެއްވީ އިމާމު ޙާކިމެވެ. އެކަލޭގެފާނު ވިދާޅުވަނީ މިއީ ޞައްޙަ ރިވާޔަތެއް ކަމަށެވެ. [7] ރިވާކުރެއްވީ އިމާމު ޙާކިމެވެ. އިމާމު ޙާކިމު ވިދާޅުވަނީ ދެޝައިޚުންގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޞައްޙަ ރިވާޔަތެއް ކަމަށެވެ. [8] ރިވާކުރެއްވީ އިމާމު އަބޫ ދާއޫދާއި ޙާކިމާއި ޢަބްދުއް ރައްޒާޤެވެ. ޙާކިމު ވިދާޅުވަނީ ދެޝައިޚުންގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޞައްޙަ ރިވާޔަތެއް ކަމަށެވެ.