މިފަހަކަށް އައިސް އެންމެ ބޮޑަށް ނިގުޅައި ގަނެފައިވާ ހައްގަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ބުނެ، އިންޑިއާގެ ސުޕްރީމް ކޯޓުން ސަރުކާރަށް ފާޑުކިޔައިފިއެވެ. ސުޕްރީމް ކޯޓުން މިގޮތަށް ވާހަކަ ދެއްކީ، އާންމުންގެ މެދުގައި ކޮރޯނާ ވައިރަސް ފެތުރިގެން ދިޔައީ ތަބްލީޣީ ޖަމާއަތުގެ މީހުން މާޗް މަހު ބޭއްވި އެއްވުމެއްގެ ސަބަބުން ކަމަށް ބުނެ މީޑިއާ ގައި މުސްލިމުންނަށް މީހުންގެ ނަފްރަތު އަމާޒުވާ ގޮތަށް ކޮށްފައިވާ ރިޕޯޓްތަކާ ގުޅިގެން ހުށަހެޅި ދައުވާ އެއްގެ އަޑު އެހުމުގައެވެ.

ޖަމްޢިއްޔަތޭ ޢުލަމާއޭ ހިންދްގެ ފަރާތުން ހުށަހެޅި ދައުވާއަށް ރައްދު ދެމުން އިންޑިއާ ސަރުކާރުގެ ފަރާތުން ހުށަހެޅި، ބަޔާނުގައި އޮށްޓަރެއް ނެތުމުން ސުޕްރީމް ކޯޓުގެ ބެންޗުން ސިފަކޮށްފައި ވަނީ ކަމުން ރެކުމަށް ހުށަހަޅާފައިވާ ބަޔާނެއްގެ ގޮތުގައެވެ.

މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނެވީ އިންޑިއާގެ ޗީފް ޖަސްޓިސް އެސް އޭ ބޯޑޭ އެވެ.

ޗީފް ޖަސްޓިސްގެ ފާޑު ވިދާޅުވުމުގައި އިންޑިއާގެ ސޮލިސިޓަރ ޖެނެރަލްއަށް ވިދާޅުވީ މި މައްސަލާގައި ކަންކުރައްވާ ބީދައިން ސުޕްރީމް ކޯޓާ މުއާމަލާތެއް ނުކުރެއްވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ އިންޑިއާގެ އެއް ދީނެއްގެ ބަޔަކަށް އެކަނި އަމާޒުކޮށް، ނަފްރަތު އުފެއްދުމަށް ކޮށްފައިވާ ރިޕޯޓްތަކާ ގުޅިގެން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީން އަޅާފައިވާ ފިޔަވަޅު ތަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް އެދިފައެވެ.