ދިވެހި ރާއްޖޭގެ ތަފާތު ހިސާބު ތަކުގައި ކާބޯތަކެތި ހެދުމުގައި ކޮންމެސް ވަރެއްގެ ތަފާތު ތަކެއް ހުރެއެވެ. އެގޮތުން އެކި ހިސާބުތަކަށް ޚާއްޞަވާ ކެއުންތައްވެސް ހުރެއެވެ. މިގޮތުން މާޖިލާ އަކީ ރޯދަ މަހު ރޯދަވީއްލާ ގަޑިއަށް މ އަތޮޅު މުލީ މީހުން ހަދާ ވަރަށް މީރު ކެއުމުގެ ބާވަތެކެވެ. މުލީ މީހުން ރޯދަ މަހަށް ޚާއްޞަކޮށް ތައްޔާރުކުރާ، އާދަކާދައިގައިވެސް ހިމެނޭ މި މާ ޖިލާ ނުވަތަ ހުތް މަސްކާށި ހަދަނީ ގިނައިން ފިރިހެނުންނެވެ. ފިރިހެނުންގެ ތެރެއިންވެސް ގޭގެ ބޮޑެތި މީހުނެވެ. ކާފަމެން ބައްޕަ މެނެވެ. ނަމަވެސް މިހާރު ޒަމާނަށް ބަދަލު އައުމާއި މަސައްކަތްތައް ކުރުމަށް ލިބުނު ލުއިފަސޭހަކަމުގެ ސަބަބުން ގޭގެ އަންހެންވެރިންވެސް މި މާޖިލާ ހެދުމަށް ވަރަށް ފަރިތަ ވެއްޖެއެވެ.

މި އީ ބަތްޕެނާއި އެކު ބުއިމަށް ހަދާ ބާވަތެކެވެ. މިހާރުގެ ގޮތަށް ނަމަ "ސައިޑް ޑިޝް" އެކެވެ. އެހެން ނަމަވެސް މާޖިލާ އަކީ ބަތް ކާއިރު ސަޓަންޏެއް ގޮތަށް ކެއުމަށްވެސް ވަރަށް މީރު އެއްޗެކެވެ.

މުލީ މީހުން ނޫނަސް ދިވެހިރާއްޖޭގެ ތަފާތު ހިސާބުތަކުގައި މި މާޖިލާ އަށް ތަފާތު ނަންތައް ކިޔައިގެން ހަދާ އުޅެއެވެ. އަދި އެކި ހިސާބުތަކުގައި އެކި ގޮތަށްވެސް މި ކެއުން ތައްޔާރު ކުރެއެވެ. މާލޭ މީހުން މިއަށް ގަބުޅި ސަޓަނިވެސް ކިޔައެވެ.

އަޅުގަނޑު މި ލިޔެލަނީ ކުރީ ޒަމާނުއްސުރެ މުލީ މީހުން މި މާޖިލާ ހަދާގޮތެވެ. މިހާރުވެސް މި ކެއުން ތައްޔާރުކުރުމަށް މަޝްހޫރު މުލީ ފްލައިން ހާޓް އަބުދުﷲ ސަޢީދާއި މުލީ ހަވާސާ މުޙައްމަދު ސަޢީދާއި ދެބެއިން ކިޔައިދެއްވި ގޮތަށެވެ.

މާޖިލާ ހެދުމަށް ބޭނުންވާ ތަކެތި

4 ޅަ ގަބުޅި

1 ގަނޑު މަސް (ކައްކާ ވަރަށް ރަނގަޅަށް ވަޅޯ ކޮށްފައިވާ)

1 ފިޔާ (ބޮޑު)

1 ގިތެޔޮ މިރުސް

½ މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި)

1 ހިކަނދިފަތް

1 ލުނބޯ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ގަބުޅިތައް ހެހުމަށްފަހު ބިނދެލާފަ އޭގެ ފެން ބޮޑު ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު ފަސޭހަ ވަޅިއަކުން ގަބުޅިތައް ތުނިކޮށް އުކުރާލާށެވެ. މިގޮތަށް އުކުރާއިރު އަޑީގައި ހުންނަ ނާށި ބަޔާއި ނުލާ އުކުރޭތޯ ބަލަން ވާނެއެވެ. ދެން އުކުރި ގަބުޅިތައް ކުޑަކޮށް ޗަސްކޮށްލުމަށް ފިތާލުމަށްފަހު ކުރިން ނެގި ގަބުޅި ފެނަށް އަޅާލާށެވެ. އެއަށްފަހު މައްޗަށް ކުޑަ ލޮނުކޮޅެއް ބުރުވާލާފައި ބަހައްޓާށެވެ. އެއަށްފަހު ފިޔައާއި މިރުސް ހިކަނދިފަތާއި މަސްވެސް ކޮށާފައި ލުނބޮޔާއި ލޮނު އަދި ހުތް ޖަހައިގެން މޮޑެލާށެވެ. މޮޑޭއިރު އަސޭމިރުސްކޮޅުވެސް އަޅަންވާނެއެވެ. ދެން މޮޑުނު މަސްގަނޑު ގަބުޅި އެއްޗަށް އަޅާލާފައި ސަނމުސަލަކުން އެއްކޮށްލާށެވެ. ގަބުޅި ސަޓަނި ރަނގަޅަށް މޮޑެލާނީ ކާން ވީމައެވެ.