ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ވީޑިއޯ އާއި އެ މައްސަލަ އާއި ގުޅިގެން މިއަދު ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަނީ ނަޝީދު ބޮޑީގާޑުންނާއެކު ހިންގަވާފައި ކާރުކޮޅާއި އަރާ ހަމަވިތަނުން ޑިވައިސް ގޮއްވާލާ މަންޒަރެވެ. އެއާއެކު ދެން ފެންނަނީ ދުމުން މުޅިތަން ފުރިފައިވާ މަންޒަރެވެ.

މި މައްސަލައިގައި މިއަދު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ އެކަކީ މުޖާޒް އަހުމަދު މއ. ފޭރުމާގެ އަދި އަނެއް މީހަކީ ތަހުމީން އަހުމަދު ފޮޅޭމާގެ، ގއ. ކޮނޑޭ އެވެ. ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހޯދަން ބޭނުންވާ އިތުރު މީހެއްގެ މައުލޫމާތުވެސް އާންމުކޮށްފައެވެ. އެގޮތުން އޭނާ އަކީ މި މައްސަލައިގެ ތަހުގީގަށް މިހާރު އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.

"ހަގީގަތުގައި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު ފަރާތް މި މައްސަލައާ ގުޅިގެން. މި މައްސަލައާ ގުޅިގެން އަޅުގަނޑުމެން ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހާދިސާއާ ގުޅުންހުރި ފޮޓޯއާއި އަދި މީނަ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި" ރިޔާޒު ވިދާޅުވިއެވެ.