ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ވެރިން ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން އެވީ ސެކިއުރިޓީ ފެއިލްވެގެން ކަމަށެވެ. އެކަން އެހެންވުމުން ދެން ވެސް އިތުރު ބަހަނާ ނުދައްކަވައި ފިޔަވަޅު އެޅުމަށް ވެސް އެމަނިކުފާނު ވަނީ ގޮވައިލައްވައިފައެވެ. "އެމްއެންޑީއެފްގެ އޮފިޝަލުން ދެއްކި ވާހަކަ ދެކޮޅެއްނުޖެހޭ. ސެކިއުރިޓީ ފެއިލްވީމަ ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންވީ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ މި ހަމަލާއަށްފަހު މީހަކު ބަންދު ކުރެވުނީ އަދި ކިރިޔާ ކަމަށެވެ. މި ހަމަލާ ދިންއިރު އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ބޭފުޅަކު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނަމަ މަގާމް ގެއްލުނީސް ކަމަށް ވެސް ވިދާޅުވިއެވެ. "އަދި ކިރިޔާ މީހަކު ހައްޔަރު ކުރެވުނީ. އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރަކު ނަމަ މިފަހަރު މަގާމް ގެއްލުނީސް،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ މި ޓެރަރިސްޓް ހަމަލާ ތަހުގީގުކޮށް އެކަން ކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.