ރާއްޖޭގައި ކޮވިޑް ފެތުރުން ހަލުއިވެއްޖެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. މަރުވާ މީހުންގެ ނިސްބަތް އިތުރުވެއްޖެއެވެ. އެންމެފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ވެސް 8،640 މީހުންދަނީ މި ނުރައްކާތެރި ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އެންމެފަހުގެ މައުލޫމާތު ބުނާ ގޮތުގައި ރާއްޖެއިން އަލަށް މިބައްޔަށް ވަނީ 590 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 439 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 141 މީހުންނެވެ. ރިސޯޓުތަކުން 9 މީހުންނެވެ. ސަފާރީތަކުން ޕޮޒިޓިވްވެފައިވަނީ އެކެކެވެ.
ޕޮޒިޓިވް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 230 މީހުންނަށެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 25،992 މީހުންނެވެ. މި ބަލީގައި މިހާތަނަށް ވަނީ 83 މީހުން މަރުވެފައެވެ. މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 34،724 މީހުން ޕޮޒިޓިވްވެފައެވެ.
މިހިސާބަށް ދިއުމުން ވެސް ބިރެއް ޖެހިލުމެއް ނުވާ މީހުން އެބައުޅެެއެވެ. ވަރަށް އާދައިގެެ ކަމެއްގެ ގޮތުގައި މިކަން ނަގާ މީހުން މަދެއް ނޫނެވެ. މިބަލިން ސަލާމަތްވުމަށް ކުރެވެން އޮތް އެންމެ މުހިންމު އެއްކަމަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމެވެ. އެއަށްފަހު އެޗުޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކުރުމެވެ. ރަނގަޅަށް މާސްކު އެޅުމެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. މިއީ ކިތަންމެ އަވަދިނެތި އުޅުނަސް ފުރިހަމައަށް ކުރަންވީ ކަންކަމެވެ. އަތްދޮންނަންވީ އެވެ. މާސްކު އަޅަންވީއެވެ. އެއްގޮތަކަށް ވެސް މިކަންކަމަށް ފަރުވާ ކުޑަކޮށްގެން ފަރުޖައްސާލެވޭކަމަށް ނެތެވެ.
ތިމާގެ ސަބަބުން އެހެން މީހުން މިބައްޔަށް ހުށަހެޅިދާނެ ހުރިހާ ކަމަކުން ދުރުވެ ތިބުމަކީ ވަރަށް މުހިންމު ކަމަށެވެ. ތިމާ އަތް ނުދޮވެ މާސްކު ނާޅާ ހުއްޓަސް ދެންތިބި މީހުން އެކަންކުރާ ކަމަށްވާނަމަ ތިމާ އެވަނީ ސަލާމަތްވެފައި ކަމަށް ހީކުރާނަމަ އެއީ ކުށްހީއެކެވެ. މިއީ އެއްވެސް މީހަކު އިސްތިސްނާވާ ކަމެއްނޫންނެވެ.
ކޮންޓެކްޓް ޓްރޭސިންގައި ވެސް އެއްވެސް ވަރަކަށް ދޮގު ނުހަދައި ކަމާބެހޭ ފަރާތްތަކަށް ތެދު މައުލޫމާތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހާރު ވެސް ސައްހަ މައުލޫމާތު ނުދޭ މީހުން އުޅޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ތިމާއާއި މުޅި މުޖުތަމައު ކޮވިޑުން ސަލާމަތް ކުރުމަށްޓަކައި އެމީހެއްގެ ދައުރު އަދާ ކުރުމަށް ފަސް ނުޖެހޭށެވެ. ކޮވިޑަށް ނޫނެކޭ ބުނުމަށް ރަނގަޅަށް މާސްކު އެޅުމާއި ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތްދޮވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބަލައިގެން އެކަން ކުރަމާ ހިނގާށެވެ. "ރައްކާވެތިއްޔާ ދަތުރެވެ."