ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ތިން ވަނަމީހާ ވެސް ފުލުހުން އަތުލައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަތުލައިގެންފައިވަނީ ހުޅުމާލެއިންނެވެ. މިއީ މިހާތަނަށް ބެލިބެލުމުގައި މިކަމުގައި އެންމެ އިސްކޮށް ހުރި މީހާކަމަށް ވެއެވެ. އެމީހާ ހޯދުމަށްޓަކައި ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

މީގެ ކުރިން ވެސް ދެ މީހަކު ވަނީ އަތުލައިގެންފައެވެ. އެއީ ގއ. ކޮނޑޭ، މާފިޅޭގޭ، ތަހުމީން އަހުމަދާއި، މއ. ފޭރުގޭ، މުޖާޒު އަހުމަދެވެ. ބޮންގޮއްވި ކަމަށް ތުހުމަތު ކުރެވޭ 4 މީހަކު ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 3 މީހުން މިވަނީ އަތުލައިގަނެވިފައެވެ.

ރައީސް ނަޝީދަށް ދިން މިހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާ ރޭޒަރ ފުށްތައް ނެގުމަށް ވަނީ އެތައް ސާޖަރީއެއް ކޮށްފައެވެ. ސާޖަރީތައް ކޮށްފައިވަނީ ހޭފުޅު ނައްތައިގެންނެވެ.