ރަމަޟާން މަހުގެ 27 ވިލޭރޭ ލ. ގަމުގައި ދަމު ނަމާދުކުރަމުން ދަނިކޮށް އިމާމަށް ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

މިހަމަލާ ދީފައިވަނީ ލ. ގަން ތުނޑީ އާބާދީ ސަރަހައްދުގައި ހުންނަ މިސްކިތެއްގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިސްކިތަށް އެރީ ވެސް މިސްކިތަށް ގާ އުކައިފައެވެ. އަދި ސޯޓެއް ލައިގެން ހުރެ މިސްކިތަށް އަރައި އޭނާ ވަނީ އިމާމާއާ ދިމާއަށް އަތް ދިއްކޮށް އަވަގުރާނަ ގޮވައި ހަޑިހުތުރު އެއްޗެހި ކިޔައިފައެވެ. އޭގެ ފަހުން އިމާމުގެ މައިކް އަތުލައި އެ ހަލާކު ކޮށްލި ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ މިސްކިތުން ނިކުމެގެން ދަމުން ވެސް މިސްކިތަށް އެއްޗިހި އުކައިފައިވާ ކަމަށް މައުލޫމާތު ލިބިފައެވެ.