ތިމާ ކާ އެއްޗެއްގެ ސަބަބުން މޫޑަށް ބަދަލު އާދޭހެއްޔެވެ؟ ނުވަތަ މޫޑު ހުންނަ ގޮތަކުން ވަކި ކަހަލަ ކާނާއެއް ކައިއުޅެން ހެއްޔެވެ؟

މިކަމާ ގުޅޭގޮތުން ދުނިޔޭގައި އެންމެފަހުން ހެދިފައިވާ ތަފާތު ދިރާސާތަކަށް ބަލާލަމާ ހިނގާށެވެ.

ގިނަ ދިރާސާތަކުން ދައްކާފައިވަނީ، މީހާގެ ސްޓްރެސް ލެވެލް މަތިވުމުން ނުވަތަ ޑިޕްރެސްވުމުން ގިނަމީހުން ހަކުރުގެ މިންވަރު މަތި އަދި ގިނައިން ފެޓް އެކުލެވޭ ކާނާގެ ބާވަތްތައް ކައިއުޅޭ ކަމެވެ.

މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ސްޓްރެސްއާއި، ޑިޕްރެޝަންއާއި، އެންޒައިޓީއަކީ އެތައްބަޔަކު ކޮންމެ ދުވަހަކު ތަހައްމަލް ކުރަމުންދާ ކަންކަމެވެ. މިފަދަ ހަލާތްތަކުގައި ހިތްހަމަ ޖައްސާލަން ގިނަމީހުން އެމީހުން އެންމެ ކާހިތްވާ ކާނާގެ ބާވަތްތައް ކެއުމަށް އަވަސްވެގަންނަ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.

އެގޮތުން، އައިސްކްރީމް ބުއިމާއި، ޕޭސްޓްރީގެ ބާވަތްތަކާއި، ޕިއްޒާއާއި ބާރގަރފަދަ ކެއުންތައް ގިނަ އަދަދަކަށް މީހުން ކައިއުޅެއެވެ.

އެހެން ނަމަވެސް، އެފަދަ ހަލާތްތައް މެދުވެރިވާ ވަގުތުތަކުގައި ހަކުރު ގިނައިން ހުންނަ ކާނާގެ ބާވަތްތަކާއި، ގިނައިން ފެޓް އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ، ތިމާގެ ނަފްސާނީ ސިއްހަތަށް އެހާ ފައިދާހުރި ކަމެއް ނޫންކަން ގިނަމީހުންނަށް ނޭނގޭ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.

ސްޓްރެސް، ޑިޕްރެޝަން ނުވަތަ އެންޒައިޓީގެ ހާލަތްތައް މެދުވެރިވާ ވަގުތުތަކުގައި ކެއުމަށް އެންމެ ރަނގަޅު ކާނާގެ ބާވަތްތަކެއް ވެއެވެ. އޭގެ ތެރޭގައި، ތަރުކާރީއާއި، މޭވާއާއި، މަހާއި، ކުކުޅު ބިހާއި، ނަޓްސް އަދި ބީންސްފަދަ ބާވަތްތައްވެސް ހިމެނެއެވެ.

ދިރާސާތަކުން ކެއުމުގެ މި ބާވަތްތައް ފާހަގަ ކޮށްފައިވަނީ، އިންސާނާގެ ނަފްސާނީ ސިއްހަތާއި، ޑައިޓާ ހުރި ގުޅުން ދެނެގަތުމަށް ކުރެވުނު މަސައްކަތްތަކަށް ފަހުގައެވެ.

ބައެއް ކަހަލަ ކަނާގެ ބާވަތްތައް ކެއުމަކީ ހިތުގެ ބަލިތަކާ ދުރުކޮށްދިނުމުގެ އިތުރުން، ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެއްކަން އެންމެނަށްވެސް އެނގޭނެމެއެވެ.

މީގެކުރިން ދުނިޔޭގައި ހެދިފައިވާ ބައެއް ބޮޑެތި ދިރާސާތަކުން މައިގަނޑުގޮތެއްގައި ބަލާފައިވަނީ، ކެއުމުގައި ބޭނުންކުރާ ކާނާގެ ސަބަބުން ނަފްސާނީ ސިއްހަތަށްވުރެ މީހާގެ ޖިސްމާނީ ސިއްހަތަށް ކުރާ ފައިދާގެ މައްޗަށެވެ.

މިހާގެ މޫޑްގެ އުފާވެރިކަމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކައިއުޅޭ ކާނާ އެހީތެރިވެދެނީ ކިހާ މިންވަރަކަށްކަން ދެނެގަތުން މީގެކުރިން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމެއްގެގޮތުގައެވެ.

ނަމަވެސް، މިފަހުން، ދިރާސާކުރާ އެކިއެކި ފަރާތްތަކުން ކާނާއާއި، ނަފްސާނީ ސިއްހަތާ ހުރި ގުޅުމުގެ މައްޗަށް ވަރަށް ބޮޑަށް ނަޒަރު ހިންގަމުން ގެންދެއެވެ. ބައެއް ކަހަލަ ކާނާ ކެއުމުން ތިމާގެ މޫޑަށް އަންނަ ބަދަލުތައް ގެންދަނީ ދެނެގަންނަމުންނެވެ.

ސިއްހަތު ރަނގަޅު ޑައިޓެއް ނަގާނަމަ އެކަމަކީ، ތިމާގެ ހަޖަމުގެ ނިޒާމުގެ ސިއްހަތަށްވެސް މުހިންމު ކަމަކަށްވާއިރު، އެއީ، ސިކުނޑިއާ މުއާމަލާތްކުރާ ނިޒާމެކެވެ. އިންސާނާގެ މޫޑު އަދި އިމޯޝަންސްގެ ރެގިއުލޭޓްކުރަނީ ހަޖަމުގެ ނިޒާމުގައި ހުންނަ މައިކްރޯބްސް މެދުވެރިކޮށެވެ.

އިންސާނާއަށް ދިމާވާ ނަފްސާނީ އެތައް މައްސަލަތަކާއި ހަޖަމުގެ ނިޒާމާ ގުޅިފައިވާކަން ސައިންސްވެރިންވަނީ ހޯދާފައެވެ.

ދުނިޔޭގެ ބޮޑެތި އާބާދީތަކުގައި ހެދިފައިވާ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ސިއްހަތު ރަނގަޅު ކާނާ ކައިއުޅޭ މީހުން ޑިޕްރެޝަންގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު މަދެވެ. އަދި އެފަދަ މީހުން އުޅެނީ ވަރަށް އުފަލުގައެވެ. ނަފްސާނީ ދުޅަހެޔޮކަންމަތީގައެވެ.