މުސްލިމުންގެ ފުރަތަމަ ޤިބުލަ ކަމުގައިވާ މާތްވެގެންވާ މަސްޖިދުލް އަޤްސާއަށް އިސްރާއީލުގެ ސިފައިން ވަދެ އެތަނުގެ ޙުރުމަތް ކަނޑާ ހުޅު ޖަހާ، އެތަނުގައި ނަމާދުކޮށް އަޅުކަން ކުރުމަށް ހުރަސް އަޅާ، އަޅުކަމުގައި ތިބި މުސްލިމުންނާއި ދެކޮޅަށް ދެމުން ގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ތެދުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އެކޯލިޝަނުން މިކަމަށް ގޮވާލައިފައިވަނީ އިސްރާއީލުގެ ރަހުމް ކުޑަ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ މުސްލިމުންނާއި މެދު އިސްރާއިލްގެ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކަށް އެ ކޯލިޝަނުން ދެކޮޅު ހަދާ ކަމަށެވެ. އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުވާ ކަމަށް ވެސް ބުނެފައިވެއެވެ. "މިކޯލިޝަނުން އަބަދުވެސް ދެމި އޮންނާނީ ޙައްޤުގެ މަގުގައި ތިބި މުސްލިމް ރައްޔިތުންނާއި އެކު ކަމުގައިވެސް ދެންނެވީމެވެ. އަދި މާތްވެގެންވާ ރަމަޟާން މަހުގެ ފަހު ދިހައެއްގެ އަޅުކަން ތައް އަދާ ކުރުމަށް ހުރަސް އަޅާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އިސްރާއީލްގެ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ އުދުވާން ތަކާއި ދެކޮލަށް މިހާތަނަށް އައި އިރުވެސް ދިވެހި ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ އެކަމާ ދިވެހި ރައްޔިތުން އިންތިހާ އަށް ހިތާމަ ކުރާކަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
އެހެން ކަމުން އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ބިން ތަކަށް ވެރިވެގަނެ (ޚާއްސަ ގޮތެއްގައި މާތްވެގެންވާ އަޤްޞާ މިސްކިތުގެ ޙުރުމަތް ކަނޑާ އެތަނުގައި އަޅުކަން ކުރުމަށް ހުރަސް އަޅާ) ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ބަސް ބުނުމަށް އެ ކޯލިޝަނުން ގޮވާލާ ކަމަށް ބުނެފައިވެއެވެ. އިސްރާއީލުން ހުންގަމުން ގެންދާ އެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ދުނިޔޭގެ ބާރުގަދަ ޤައުމުތަކާއި އެކު ދިވެހި ސަރުކާރުން އިސްވެ މަސައްކަތް ކޮށްދެއްވުމަށްވެސް ގޮވާލައިފައިވެއެވެ. "މިފަދަ ޓެރަރިސްޓު ޙަމަލާތަކާއި ދެކޮޅަށް ސަރުކާރު ފެންވަރުގައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަކީ ދިވެހި ރައްޔިތުން މިއަދު ސަރުކާރުގެ ކިބައިން އެދޭ އެންމެ ބޮޑު އެދުމެވެ." އެބަޔާނުގައި ވެއެވެ.