މާލެ ފިޔަވައި މިހާތަނަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ރިޕޯޓު ކޮށްފައިވަނީ ނައިފަރުން ކަމަށްވިޔަސް އެރަށުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް އެދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ

އޭނާ ކުރައްވާފައިވާ ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިއްޔެގެ ނިޔަކަށް ނައިފަރުން ޖުމްލަ 728 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 4 މީހަކު ނިޔާވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.

ވޭތުވެދިޔަ 7 ދުވަސްތެރޭ އެކަނިވެސް އެރަށުން 179 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިވަގުތު ނައިފަރުގައި ތިބި ކްޓިވް ކޭސްގެ އަދަދަކީ 410 ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެރަށުގެ ކޮވިޑްގެ ޙާލަތު ބަދަލުކުރުމުގެ ނިޔަތުގައި އެޅި އެންމެ މުހިއްމު އެއް ފިޔަވަޅަކީ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސް "ޢާއްމު ދިރިއުޅުމުގެ ބައެއްކަހަލަ ރެސްޓްރިކްޝަން ތަންފީޒުކުރަންފެށުން،" ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެގޮތުން 23 މާރޗުން ފެށިގެން މޮނިޓަރިންގައި ނައިފަރު އޮންނަތާ މިއަދަށް 1 މަހާ 20 ދުވަސް ވެއްޖެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މިޙާލަތުގައި މިހާ ދުވަސްވީއިރު މިއަދުވެސް ރައްޔިތުންގެހުރީ ފުރަތަމަ 2-3 ހަފްތާވެސް ހުރި ޝަކުވާތަކާ ދާދި އެއްކަހަލަ ޝަކުވާތަކެއް. އިތުރުވީ އެއްޗަކީ ޕޮޒިޓިވް ކޭސްތައް. ކޭސްތައް މަދުކޮށް ނައިފަރު ޢާއްމު ޙާލަތަށް ގެނައުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަނެއް ނުފެނޭ. މިޙާލަތުގައި ބޭނުންވާ މުޙިއްމު ވަޞީލަތްތައް އަދިވެސް ފޯރުކޮށް ނުދެވޭ،" ޝިޔާމް ވިދާޅުވެފައިވެއެވެ..

އޭނާ ވިދާޅުވެފައިވަނީ މުޢައްސަސާތަކުގެ މުޢައްޒަފުންގެ ތެރެއިން ޚާއްޞަކޮށް ސިއްޙީ ދާޢިރާގެ ކުރީސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ކަމަށެވެ. އޭގެ ސަބަބުން މަސައްކަތްކުރައްވާ މަދު މުޢައްޒަފުންކޮޅު ވަރުބަލިވެ ރަނގަޅަށް ޚިދުމަތްފޯރުކޮށް ނުދެވޭހިސާބަށް ޙާލަތު ގޯސްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "އެހެން ރަށްރަށަށް ދަތިވާ ޙާލަތްތަކުގައި ޅ. އަތޮޅު ހޮސްޕިޓަލުން އެހެން ރަށްރަށަށް މުއައްޒަފުން ފޮނުވޭ އުސޫލުން މިޙާލަތުގައި ކީއްވެތޯ ހެލްތުމިނިސްޓުރީއަށް ނައިފަރުގެ ޙާލަތު ނޭންގިގެން މިއުޅެނީ. ނައިފަރުގެ ދޭދޭ މުޢައްސަސާ ތަކުގެ ސިޔާސީ ވެރިންގެ މެދުގައިހުރި ޒާތީ މައްސަލަތައް ކޮވިޑުގެ ޙާލަތައްވުރެ ގޯސްކަމަށް ފެނޭ. ޝަކުވާތަކަށް ޙައްލު ނުހޯދި މިހާދުވަސްވާންޖެހޭ ސަބަބެއް ނުވިސްނޭ. މުޢައްސަސާތަކުގެ ސިޔާސީވެރިން މުޖުތަމަޢުގެ މަސްލަޙަތު ކުރިޔަށް ނެރުއްވާ މަސައްކަތްކުރެއްވުމަށް ނުހަނު ޢަދަބު އިޙުތިރާމާއި އެކު ޢިލްތިމާސް ކުރަން،" އޭނާ ވިދާޅުވެފައިވެއެވެ. ކޮވިޑުގެ ސަބަބުން އެރަށުގެ ރައްޔިތުން ކަންބޮޑުވާ 4 ކަމެއް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.