ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިންވެސް ޝެޑިއުލް ކޮށްފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވީ ނަމަވެސް ކައުންސިލަރުން ހުވާ ކުރުން ލަސްކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެގޮތުން މިހާރުވެސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު ހުވާ ކުރުން ކުރިއަށްގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިހާލަތުގައި ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، އެރަށެއްގައި ފަނޑިޔާރަކު ނެތްނަމަ ކައިރީގައި ހުރި ރަށަކުން ފަނޑިޔާރަކު އޮންލައިންކޮށް ހުވާ ލައިދިނުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

މިފަހަރުގެ ރަސްމިއްޔާތުގައި އާންމުން ބައިވެރިވާނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަމަށާއި، އޮންލައިންކޮށް ލައިވް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.