މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން "ޑީޖޭއޭ" ކަމުގައި ބަންޑާރަ ނާއިބު ކަނޑައަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވައި ބަންޑާރަ ނާއިބުގެ އޮފީހުން ނެއްރުއްވި ބަޔާނެއްގައި ވިދާޅުވީ، މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނެ މިފަދަ އިދާޜާ އެއް ކަނޑައެޅިގެންދިއުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަރނީ ޖެނެރަލް ކަނޑައަޅަންވާނެ ކަމުގައި، އެ ޤާނޫނުގެ 187 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ އިދާރާއަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު ކަނޑައެޅުއްވާފައިވާކަމަށެވެ.

އެހެންކަމުން އެ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 187 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤާއިމުކުރަން ޖެހޭނެއެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް ކަނޑައެޅިގެންދިއުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 187ވަނަ މާއްދާގައި ބުނެފައިވަނީ ޙުކުމް ތަންފީޛުކުރުމުގެ އަމުރުގެ އަސްލާ އެއްގޮތް ކޮޕީއެއް، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެކަމަށާއި، އެފަދަ އިދާރާއެއް ކަނޑައެޅިފައިނުވާނަމަ، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކަ ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ އިދާރާއަށް އެ ރެކޯޑުގެ ކޮޕީ ފޮނުވަންވާނެކަމަށެވެ.